ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓްޓުއާސް މޯލްޑިވްސް އިން ހިންގާ ދެ ރިސޯޓްގެ ކުލި ނުދައްކައިގެން ސަރުކާރުން ފޮނުވާފައިވާ ނޯޓިސް ގަބޫލުނުކުރާ ކަމަށާއި އަދި ކޮންސެޝަން އެގްރީމަންޓަށް ދިވެހި ސަރުކާރުގެ ފަރާތުން އިހްތިރާމް ނުކުރާ ކަމަށް ބުނެ އެ މައްސަލަ ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

ޔޮޓްޓުއާސް އިން މިއަދު ބުނީ ޝަރުއީ ދާއިރާ އިން ގޮތެއް ނިމިގެން ނޫނީ އެކުންފުނީގެ މުދަލަށް ސަރުކާރުން "އަރައި ނުގެނެވޭނެ" ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ "ދައުލަތް ކިޔާ ގާނޫނީ ޝަހުސްގެ ނިވާފަތުގައި ފިއްލަވައި ނުތިއްބެވޭނެ ކަމާއި މަލްފީސަންސްގެ އަސާސް އިން އެ އަމަލެއް ހިންގެވި ބޭފުޅެއްގެ ކިބައިން" އަމިއްލަ ހައިސިއްޔަތުން ބަދަލު ހޯދުމަށް ޝަރީއަތުގައި ދައުވާ އުފުލުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށައަޅާފައިވާނެ ކަމަށް ޔޮޓް ޓުއާސް އިން ބުންޏެވެ.

އަދި ބުނީ ހއ. އަލިދު އާއި އދ. ކުޑަރަށުގެ އައުޓްސްޓޭންޑިންގް ކުއްޔާއި ޖޫރިމަނާ ފައިސާ ދެއްކުން ސަރުކާރުން ފަސްކުރައްވައި ކަނޑައެޅިފައިވާ މުއްދަތުގައި ބަހާފައިވާ ކަމަށާއި ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް ސަރުކާރުން އެއްފަހަރާ އެ ފައިސާ ހޯދުމަށް ޝަރީއަތަށް ގޮސްފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެ މައްސަލަ ނަގައިދިނުމަށް ސަރުކާރުގައި އެދުމުން އެކަމަށް ޖަވާބެއް ނުދެއްވާ އެމަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

"އެއްބަސްވުމަށް އިހުތިރާމެއް ކުރެއްވުމެއް ނެތި ސަރުކާރުން ޝަރީއަތުގައި މިދެންނެވި ދައުވާ ދަމަހައްޓަފައިވެ އެވެ. އަދި އެކަމުގެ ސަބަބުން މާލީ އިދާރާތަކުން ފައިސާ ހޯދުމަށް މި ކުންފުންޏަށް ހުރަސްތައް އެޅިފައިވެ އެވެ. މިހަގީގަތްތައް މިހެން ހުރި އިރު ކޮންސެޝަން އެގްރިމެންޓާ ދިވެހި ސަރުކާރުން ހިލާފުވެ، އެގޮތުގެ މަތިން ދެމިތިބެ، އަދި އެހިލާފްވުމުން ގެއްލުން ކުރިމަތިކޮށްތިބެ، މިކުންފުނިން ކޮންސެޝަން އެގްރިމެންޓާ ހިލާފުވެއްޖެ ކަމަށް ބުނެ ސިޓީ އިން ދެއްވާފައިވާ ނޯޓިސް މިކުންފުނިން ގަބޫލް ނުކުރަމެވެ." ޔޮޓް ޓުއާސް އިން މިއަދު ބުންޏެވެ.

ސަރުކާރުން އެގްރީމަންޓަށް އިހްތިރާމް ނުކުރުމުގެ ގޮތުން ކުރި ކަމެއް ޔޮޓްޓުއާސް އަކުން ނުބުނެ އެވެ.

ޔޮޓް ޓުއާސް އަށް މިދިޔަ އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީ އިން ނޯޓިސް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ރިސޯޓް ހިންގުމަށް ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން އުވާލާނެ ކަމަށް ބުނެފަ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން އަލިދުއާއި ކުޑަރަށުން ދައުލަދަށް ހަތް މިލިއަން ޑޮލަރު (107 މިލިއަން ރުފިޔާ) ދައްކަން އެބަ އޮތެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ލީގަލް އޮފިސަރު ފަސީހު ޒާހިރު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓްޓުއާސް އިން ހިންގާ ދެ ރިސޯޓުގެ އެގްރިމަންޓް އުވާލަން ނޯޓިސް ދެ ވަނަ ފަހަރަށް ފޮނުވީ ކުރިން އެއްބަސްވެފައިވާ ގޮތާ ހިލާފަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުލި ދައްކާފައި ނުވާތީ ކަމަށެވެ.

ޔޮޓްޓުއާސް އިން ރިސޯޓްތަކުގެ ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފަ އެވެ. އަދި އެފަހަރު ނޯޓިސް ބާތިލު ކުރީ ކުއްޔާއި ޖޫރިމަނާ ދައްކާ ގޮތަށް އެއްބަސްވުމުންނެވެ. އެފަހަރު ޓޫރިޒަމް މިނިސްޓްރީއާ އެކު އެއްބަސްވެފައި ވަނީ ޖޫރިމަނާ އަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 10 އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށާއި އަދި ކުލީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ތިން އަހަރަށް ބަހާލައިގެން ދެއްކުމަށެވެ.