27 May 2013, 10:40
ޓްރެފިކް މައްސަލަތަކުގައި މިދިޔަ ހަފްތާތެރޭގައި 349 މީހެއްގެ ލައިސަންސް ހިފައްހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ބުނީ މި މަހުގެ 19 އިން 26ގެ ނިޔަލަށް ޓްރެފިކް ޕޮލިހުން މާލެތެރޭގައި ވީސީޕީ (ވެހިކަލް ޗެކްޕޮއިންޓް) ޖަހައިގެން އުޅަނދުތައް ބަލައި ފާސްކުރުމުގައި އެންމެ ގިނަ ލައިސަންސް ހިފަހައްޓާފައި ވަނީ ރޯޑުވާދިނަސް ނުހައްދައި ހުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރޯޑުވާދިނަސް ނުހައްދައި ދުއްވައިގެން 210 ލައިސަންސް ހިފަހައްޓާފައިވެ އެވެ. އަދި ލައިސަންސްނެތި ދުއްވި 86 މީހަކު ހިފަހައްޓާފައިވާ އިރު، 13 މީހެއްގެ ލައިސަންސް ހިފަހައްޓާފައި ވަނީ ނުރައްކާތެރިކޮށް ދުއްވައިގެންނެވެ.
މީގެ އިތުރުން އަހަރީ ފީ ނުދައްކައިގެން 51 ފަރާތެއްގެ ލައިސަންސް ހިފަހައްޓާފައިވާ އިރު ޓްރެފިކް ސިގުނަލްތަކާ ޚިލާފުވި 16 މީހެއްގެ ލައިސަންސް އާއި ވަންވޭ އާ ޚިލާފަށް ދުއްވި 20 މީހެއްގެ ލައިސަންސް ހިފައްޓާފައިވެ އެވެ. އަދި މޯބައިލް ފޯނުން ވާހަކަދައްކަމުން ދުއްވި 22 މީހެއްގެ ލައިސަންސްއާއި ޓްރެފިކްލައިޓާއި ޚިލާފަށް ދުއްވި ހަތް މީހެއްގެ ލައިސަންސްއާއި، އެހެނިހެން ބައެއް މައްސަލަތަކާއި ގުޅިގެން 24 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.