މިދިޔަ ރޯދަ މަހުގެ ފުރަތަމަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެ އެމްޑީޕީން ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 13 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ އެންމެންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވުމަށް ފަހު އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އެމްޑީޕީން ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިއްޔެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

އެ ދުވަހުގެ 5:30 އެހައިކަންހާއިރު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ފެށުމާ އެކު އެ ސަރަހައްދު ދޫކޮށް ދިޔުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ގޮސްފައެއް ނުވެ އެވެ.

ފުލުހުންގެ އެންގުމަށް ތަބާ ވެފައި ނުވާތީ ބާރުގެ ބޭނުންކޮށް އެއްވި މީހުން އެ ސަރަހައްދުން ދުރަށް ފޮނުނުވުމަށް ސިފައިންނާއި ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފަ އެވެ. އެ މީހުން ޖުމްހޫރީ މައިދާނުން ދުރަށް ޖައްސާލެވިފައި ވަނީ ރޯދަވީއްލަން 15 ވަރަކަށް މިނިޓް ވެފައިވަނިކޮށެވެ.

އެ ދުވަހުގެ މުޒާހަރާގައި 32 މީހަކު ހައްޔަރު ކުރި އިރު އެ މީހުންގެ ތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމް ވެސް ހިމެނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.