އެގާރަ މިލިއަން ރުފިޔާގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނިމިއްޖެއެވެ. މާލީ ތަދުމަޑުކަމެއް އޮތްކަމަށް ސަރުކާރުން ބުނަމުންދާ ދުވަސްވަރެއްގައެވެ. ވޯޓުގެ ނަތީޖާ ދެއްކިގޮތުން، އިދާރީގޮތުން ހިންގުން ފަސޭހަކުރުމުގެ ނަމުގައި ގިނަ ރަށްތަކެއް އިދާރިގޮތުން ހިންގުމަށް ގުޅާލާން ރާއްޖޭގެ ގިނަ ރައްޔިތުން  އަދި ތައްޔާރެއް ނޫނެވެ. އެއްބަޔަކު ބުނަމުން އަންނަނީ ބޭނުންވި ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން، މިކަމަށް ހާނބަސް ނުލިބުނީ އެކަށީގެންވާ މިންވަރަށް މިކަމަށް ރައްޔިތުން ހޭލުންތެރި ނުކުރެވިގެން ކަމުގައެވެ. އެހެންނަމަވެސް ވޯޓުނެގުމުގެ ކުރިން ބައެއް ރަސްމީ ފަރާތްތަކުން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި މި، ނެގުނު ވޯޓަކީ ކޮންކަހަލަ ވޯޓެއްކަމާއި، ވޯޓުގެ ނަތީޖާ އިން އެމީހުންގެ ދިރިއުޅުމަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްކަން  ރައްޔިތުންނަށް ރަނގަޅަށް ސާފުވާނެއެވެ. މައިގަނޑު ގޮތެއްގައި މިނެގެނީ ކޮންކަހަލަ ވޯޓެއްކަން ރައްޔިތުންނަށް އެނގޭނެކަމަށް ބައެއްފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް އެއްބަސްވެވެއެވެ. އެއީ ވޯޓުލަނީ ރަށްތައް އެއްކޮށްލަންތޯ ނުވަތަ އެއްކޮށްނުލަންތޯ ބަލާ ހިސާބުންނެވެ. އެއަށްވުރެ ބޮޑަށް މިކަމާއި ބެހޭގޮތުން ރައްޔިތުންނަށް ރަނގަޅު މަޢުލޫމާތު ލިބިފައެއް ނެތެެވެ.


      އިދާރީގޮތުން ރަށްތައް އެއްކުރުމުގެ ފައިދާއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވާ ރަށްފުށުގެ ތަރައްޤީގެ ޢިލްމީ ބޭފުޅުންނަށް ވެސް ގިނަފަހަރަށް ވިދާޅުވެވެނީ ގުޅިފައިވާ ވެއްޓެއްގައި ރަށްތައް ތަރައްޤީކުރުމުން ލިބޭނެ ފައިދާގެ ވާހަކައެވެ. ޚަރަދުތައް ކުޑަވެގެންދާނެ ވާހަކައެވެ. އެކަމާއި ދެކޮޅުހަދާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ރަށްތައް އިދާރީގޮތުން އެއްކޮށްލުމަށް ސަރުކާރުން ހުށައަޅުއްވާފައިއޮތް ގޮތުން އެ ރަށްތަކަށް އެފަދަ ތަރައްޤީއެއް ނުއަންނާނެއެވެ. އެފަދަ ފައިދާއެއްވެސް ނުލިބޭނެއެވެ. ސަރުކާރުން އެ ވިދާޅުވާ ބޭރުގެ އެހީ ހޯދުމަށް ބޮޑު މަޝްރޫއެއް ރާވައިގެން ގުޅިފައިވާ ސަރަޙައްދަކަށް ވަކިކަމަކަށް އެހީ ހޯދަން ފަސޭހަވާނެކަމަށް ވިދާޅުވާ ވާހަކައަކީވެސް ރަނގަޅު ވާހަކައެކެވެ. އެހެންނަމަވެސް އެގޮތަށް އެހީ ހޯދަން އިދާރީގޮތުން ސަރަޙައްދުތައް ގުޅާލާކަށް ނުޖެހެއެވެ. އެފަދަ މަޝްރޫއެއް ހިންގެނީ އެމަސައްކަތަށް ގުޅިފައިވާ  ސަރަޙައްދުތަކުގެ މަޝްރޫއެއްގެ ގޮތުގައެވެ. މިގޮތަށް މާޒީގައި ކަންތައް ކޮށްފައިވެސް ވެއެވެ. މިސާލަކަށް ދަންނަވާނަމަ ދެކުނުގެ އަތޮޅުތަކަށް އަމާޒުކުރެވިގެން ބޭރުގެ އެހީއާއި ލޯނު މަސްވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުތަކެށް ހޯދިފައިވެއެވެ.


    މާލެއާއި ކައިރި އެެހެންނަމަވެސް ކަނޑުން ވަކިވެފައިވާ ރަށް ރަށް މާލޭގެ އަވަށެއްގެ ގޮތުގައި ހިންގުމާއި އަތޮޅުތަކުގެ ބައެއް ރަށްތައް އިދާރީގޮތުން ގުޅާލުމާއި ވަރަށް ތަފާތެވެ. މާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިގޮތަށް ބަލާލާއިރު މާލޭގެ ރަށްވެއްސެއްގެ ގޮތުގައި އުފަންވާ އާބާދީ އަށްވުރެ ބޮޑަށް މާލެއަށް ހިޖުރަކުރާ އާބާދީ ބައެއްފަހަރު ބޮޑުވެފައިވެސް އެބަހުއްޓެވެ. އެެއް އަކަ މޭލަށް ނުތަކާ ވަރަށް މާލޭގައި މީހުން ގިނަވުމުން މާލޭގެ ރައްޔިތުންގެ ބޭނުންތަކަށް އަވަސް ފިޔަވަޅު އަޅަން އެއިރެއްގައި އޮންނަ ސަރުކާރަކަށް މަޖުބޫރުވެއެވެ. މާލޭގައި ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި މީހުން ދިރިއުޅެމުން ގެންދާތީވެއެވެ. އަދި މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވުރެ ބޮޑަށް ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހޭލުންތެރި އާބާދީއަކަށްވީމައެވެ. މާލެ ހިތްހަމަޖެއްސުމަކީ ސަރުކާރު ދެމިއޮތުމުގެ ބާރަކަށްވެސް ވާތީވެއެވެ. ކޮންމެ ސަރުކާރަކުންވެސް މާލެ ހިމޭންކުރެވޭތޯ މަސައްކަަތްތަކެއް ކުރެވެއެވެ. މިހާރަކުއެއް ނޫނެވެ. ރާއްޖޭގައި ވެރިކަމެއް އޮންނަން ފެށުނީއްސުރެންނެވެ. މިހެންވުމާއި އެކު މާލެ އާއި ރާއްޖޭގެ އެހެން ސަރަޙައްދުތަކާއި ވަރަށްތަފާތެވެ. މި ތަފާތު ހުރިހާ ޤައުމެއްގައި ވެސް ވެރިކަންކުރާ ރަށުގައި އޮންނާނެއެވެ. މާލޭގެ އަވަށެއްކަމަށް ބެލެވޭ ރަށްރަށަށް އިސްކަންދީގެން މާލެއެކޭ އެއްގޮތަށް ހުރިހާ ޚިދުމަތެއްވެސް ދެވޭތޯ މަސައްކަތްކުރެވެނީ މާލޭގެ ރައްޔިތުން އެރަށްރަށަށް ގޮސްފައިވަނީ އެރަށްރަށަކީ މާލެކަމަށް ބެލެވޭތީވެއެވެ. އަދި މާލޭގައި ލިބެންހުންނަ ހުރިހާ ޚިދުމަތެއް މާލެއެކޭ އެއްފެންވަރަކަށް ދެވޭނެކަމަށް ބެލެވިގެންނެވެ.


     ތެދުފުޅެކެވެ. އިދާރީގޮތުން ރަށްރަށް އެއްކޮށްލުމުން ސަރުކާެރަށް ފައިދާވާނެއެވެ. ސަރުކާެރުގެ ބަޖެޓުން ކުރައްވަންޖެހޭ ޚަރަދު ކުޑަވާނެތީވެއެވެ. ބޮޑު މުސާރައެއް ކަނޑައެޅިފައިވާ ކައުންސެލަރުންގެ އަދަދު މަދުވުމުން ސަރުކާެރުން އެމީހުންގެ މުސާރަ އަށް ކުރައްވަންޖެހޭ ހޭދަ ކުޑަވާނެތީވެއެވެ. މި ޚަރަދުވެސް ސަރުކާެރުން އެހެންގޮތަކަށް ކުޑަ ކުރެއްވިދާނެއެވެ. ސަރުކާެރުން ޢައްޔަނުކުރައްވާ ކައުންސެލަރުންގެ ވަޒީފާ އުނިކުރައްވައިގެންނެވެ. އެހެން ނަމެއް ކިޔާފައިވެސް އެފަދަ މަގާމުތަކުގައި މީހުން ނުތިބޭގޮތަށް ހަމަޖައްސަވައިގެންނެވެ. އިނގިރޭސިނަމެއް ކިޔަސް މިހާރު މިޖެހެނީ އެއްތާކުއެވެ. ކުރިން އޮންނަ ރާއްޖެތެރޭގެ އެހީތެރިންގެ ގިންތީއަށެވެ.  


     ލާމަރުކަޒީ އުޞޫލުން ޤައުމު ހިންގުމާއި އިދާރީގޮތުން ރަށްތަކެއް އެއްކޮށްގެން ނެރެން ބޭނުންވާ ނަތީޖާ އާއި އެއްވެސް ގުޅުމެއް އޮންނާނެކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. ތަނެއް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ބޭނުންވަނީ ރައްޔިތުންނަށް އެތަނެއް ހިންގުމުގައި ބާެރުދިނުމަށެވެ. ކަންކަން ނިންމުމުގައި އެނިންމުމެއްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ބަޔެއްގެ ޚިޔާލާ އެއްގޮތަކަށް އެކަމެއް ނިންމުމަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޔުނިޓް ކުޑަކޮށްގެން ބާރުތައް ދިނުމެވެ. ނުވަތަ ބާރުތައް ބަހާލުމެވެ. އާބާދީ ބޮޑެތި ރަށްރަށުގައި ސިޓީ ކައުންސިލްތައް އުފެދެނީ ވެސް މިސަބަބަށެވެ. ތަރައްޤީގެ ނަމުގައި އެތަކެއް ރަށްތަކެއް އެއްކޮށްލުމުން ލާމަރުކަޒީ އުޞޫލުން ހިންގުމަށް ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ ބާރު ގެއްލިގެންދެއެވެ. އޭގެ ބަދަލުގައި ބޮޑެތި ރަށް ރަށަށް އާބާދީގޮތުން ކުދި ރަށް ރަށުގެ ތަރައްޤީ އާއިމެދު ގޮތްކިޔާ އެމީހުންގެ ނިންމުންތަކަށް ނުފޫޒުފޯރުވުމުގެ ފުރުޞަތު ބޮޑުވެއެވެ. މާޒީއަށް ބަލާލާއިރު ލާމަރުކަޒީ އުޞޫލުން ހިންގުން ކުރިއަށްވުރެވެސް ގޯސްވީއެވެ. ކުރީގައި ރަށުފެންވަރުގައި ކަންކަން ނިންމަނީ ކަތީބުންނެވެ. ބައެއް ޙާލަތުގައި ރަށްކުރިއަރުވާ ކޮމިޓީގެ ލަފަޔާއެކުގައެވެ. އިދާރީގޮތުން ރަށްތަށް ގުޅުވައިގެން ހިންގުމުން އެބާރުތައް ބެހިގެންދަނީ މާދުރު ފަރާތްތަކަށެވެ. ޤާނޫނުއަސާސީން ލާމަރުކަޒީ އުސޫލުން ޤައުމު ހިންގުމުގެ ބާރުދެނީ މިގޮތަށް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. ކުރިއަށްވުރެ ވެސް ހިންގުމުގައި މަރުކަޒީ ވާތީވެއެވެ.