18 Mar 2010, 12:16
14:30
ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި 2.18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ގ. ހިލްމަން އަބްދުލް ހަމީދު އަބްދުއް ސަމަދު އުމުރަށް ޖަލަށްލައި، އޭނާގެ މިލްކުގައިވާ ހުރިހާ މުދަލާއި، ފައިސާ ދިވެހި ދައުލަތަށް ނެގުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމައިފި އެވެ.
2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު 2.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައިގައި، 2008 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ހަމީދުގެ މައްޗަށް ޖިނާއީ ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި ހަމީދު އިސްތިއުނާފު ކުރުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހައިކޯޓިގައި ބޭއްވި މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ނިންމަވަމުން ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ ޖިނާއީ ކޯޓުގެ ހުކުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދު ކުރެއްވީ އެ މައްސަލައިގައި ހަމީދުގެ އިއުތިރާފު ބަޔާނެއް އޮތުމާއި އެއީ އެއްވެސް މަޖުބޫރު ކަމެއް ނެތި ދީފައިވާ ބަޔާނެއް ކަމަށް ފުލުހުން ހެކިބަސް ދީފައިވާތީ ކަމަށެވެ. އަދި ހަމީދުގެ މިލްކުގައިވާ މުދަލާއި ފައިސާ ދައުލަތަށް ހިފުމަށް ނިންމާފައިވާ ނިންމެވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކުރައްވާފައިވަނީ، ހެތްކާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާ އަށް ރިޔާއަތްކޮށްގެން ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ހ.ގެ ދަށުން ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ވަނީ، ހަމީދު މާލެއިން ގަނެފައިވާ ގޯއްޗާއި މިލްކުގައިވާ މުދަލާއި ފައިސާ ދިވެހި ދައުލަތަށް ނެގުމަށް އަންގައި ހުކުމް ކުރެއްވީ އޭނާއަކީ ބޭރު މީހުންނާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް އިއުތިރާފުވެފައިވާތީ ކަމަށެވެ. އެހެންކަމުން ހަމީދު މާލެ އިން ގަނެފައިވާ 763 އަކަފޫޓުގެ މއ. ހަސްނާވިލާ އާއި ސައިކަލަކާއި ކާރަކާއި ލޯންޗަކާއި "ފެޓްސިޔާ" ފޮތިފިހާރަ އާއި ވައިވީ އިންޖިނިއަރިން ވޯކްޝޮޕާއި ދިވެހި ބޭންކާއި ހަބީބު ބޭންކުގައި އޮތް އޭނާގެ އެކައުންޓެއްގައިވާ ފައިސާއާއެކު ޖުމްލަ ނުވަދިހަ ހަހާސް ހަސަތޭކަ ރުފިޔާ ދިވެހި ދައުލަތަށް ނެގުމަށް ވަނީ ހުކުމްކޮށްފަ އެވެ.
2.18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެތަކެއްޗާ ހަވާލުވި ލ. އިސްދޫ ގުލްފާމުގޭ އިބްރާހިމް ނައީމް އުމުރަށް ޖަލަށްލުމަށް، ދަށު ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން އޭނާ އިސްތިއުނާފުކުރި މައްސަލަ ވެސް ހައިކޯޓުން ވަނީ ނިންމައިފަ އެވެ. ނައީމުގެ މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ދަށު ކޯޓިގެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.