27 May 2013, 09:57
ކުނިގޮނޑު ފުރި ނުބައި ވަސްދުވާތީ، އެތަނަށް އަޅާ ކުނިތައް ދޯންޏެއްގައި ތިލަފުއްޓަށް އުފުލަން ފަށައިފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ދޯނި ބޭނުންކޮށްގެން އުކާލަނީ ގޮނޑަށް އަޅަން ގެންނަ ކުނިތައް ކަމަށެވެ. އަދި ކުރިން އެތަނުގައި ހުރި ކުނިތައް ބާޖު ބޭނުންކޮށްގެން އުފުލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަން"ގެ ނޫސްވެރިން މިއަދު ހެނދުނު ގޮނޑު ކައިރިއަށް ދިޔައިރު، ކުނިގޮނޑާ ދިމާލު ފަޅުތެރޭގައި ބޮޑު ދޯންޏެއް ބާއްވައިގެން ކުނިތައް އަޅަމުން ގެންދިޔަ އެވެ. އަދި ދޯންޏަށް ކުނި އެޅުމުގައި މަގުމައްޗަށާއި ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނިތައް އެޅިފައި ހުއްޓައި ފެނިފައިވެ އެވެ.
"މިއީ އަޅުގަނޑުމެން ޓްރައަލްކަށް ފެށިކަމެއް. ރޭ 9:30 ހާއިރުން ފެށިގެން މިދަނީ ދޯންޏަށް ކުނި އަޅަމުން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ދެތިން ދުވަސް ތެރޭ ގޮނޑު އެއްކޮށް ހުސްކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ގޮނޑު ފުރިގެން އެތަނުން ނުބައި ވަސް މާލެތެރެ އަށް ދުވާތީ އާއްމުންގެ ފަރާތުން ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން އެތަން އެއްކޮށް ސާފުކޮށްލެވޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ގޮނޑަށް އަޅާ ކުނިތައް ހުސްކުރަން ތިން ދޯންޏެއް ވަކި ރޭޓަކުން ކުއްޔަށް ހިފާފައިވާ ކަމަށެވެ. ނަމަވެސް އެ ދޯނިތައް ކުއްޔަށް ހިފާފައިވާ ރޭޓެއް އޭނާ ވިދާޅެއްނުވެ އެވެ.