27 May 2013, 09:52
މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އަމިއްލައަށް ނާޖާއިޒު ފައިދާއެއް ހޯދާފައިވާކަމުގެ ތުހުމަތުގައި ހއ. ކެލާ ކުރީގެ ކުޑަކަތީބު އެ ރަށު ފަރިހިގޭ އިބްރާހީމް އަފީފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ 2007 ވަނަ އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ތައްޔާރީތަކުގެ ތެރެއިން ކެލާ މަގުތަކުގައި ޖަހާފައިވާ ހޮޅި ދަނޑިތަކަށް ބޭނުންވާ ބައްތި ކޮންޕްލީޓް ގަތުމަށް ރަށްކުރިއަރުވާ ކޮމެޓީން ނިންމައިގެން ރައްޔިތުންގެ އެކައުންޓުން ނެގި 50،000ރ.ގެ ތެރެއިން އެކަމަށް ޚަރަދު ކުރި 43،466.25ރ. އުނިކުރުމަށް ފަހު ބާކީ ހުރި ފައިސާ ހުންނަން ވާނީ ކުރީގެ ކުޑަކަތީބު އިބްރާހީމް އަފީފްގެ އަތުގައި ކަން ހެކީންގެ ބަޔާންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި ބުނެފައި ވަނީ އެ ފައިސާ ހުންނަން ޖެހޭނީ އިބްރާހީމް އަފީފްގެ އަތުގައި ކަމަށް އޭނާ ވެސް އެއްބަސް ވެފައިވާ ކަމަށެވެ.
ބައްތި ކޮންޕްލީޓް ގަތުމަށް ޚަރަދުކުރުމަށް ފަހު ބާކީ ހުރި 6،533.75ރ. އިން ފަހުން ވެސް އެކި ކަންކަމަށް ޚަރަދުކޮށްފައިވާ ކަމަށް އޭނާ އަމިއްލައަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެފައިސާ ޚަރަދުކުރިގޮތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ކެލާ އޮފީހުގައި ނެތްއިރު އެފަދަ ފައިސާއެއް އެހެން ފަރާތަކާ ހަވާލު ކުރިކަން އެނގޭނެ ލިޔެކިޔުމެއް ވެސް ތަހުގީގަށް ލިބިފައިނުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގައި ބުނާފަދައިން ހއ. ކެލާ ފަރިހިގެ، އިބްރާހީމް އަފީފް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދާފައި ވާތީ، އިބްރާހީމް އަފީފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާކޮށްދެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިބްރާހީމް އަފީފް މިހާރު ހުންނެވީ ކެލާ ކައުންސިލް އިދާރާގެ އެސިސްޓެންޓް މުނިސިޕަލް ސާވިސް އޮފިސަރުގެ މަގާމުގަ އެވެ.