ކޮލަންބޯ : (މޭ 27): ދެ ހާސް ނުވަ ވަނަ އަހަރު ސްރީލަންކާގައި ނިމިގެން ދިޔަ ދާޚިލީ ހަނގުރާމައިގައި ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ސިފައިން ހިންގި ޢަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޤާއިމް ކުރި އަސްކަރީ ކޭމްޕްތައް ރޫޅާލުމަށް ނިންމިކަން އެގައުމުގެ ސިފައިންގެ މުއައްސަސާ އިން ހާމަކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން ސްރީލަންކާ ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް ޖަގަތް ޖަޔަސޫރިޔާ ވިދާޅުވީއެކޭމްޕްތަކުގެ ބޭނުން މިހާރުނެތް ކަމަށާ އެކޭންޕްތައް ހުރި ބިންތައް އެބިންތަކުގެ މިލްކުވެރި ފަރާތްތަކާ ޙަވާލުކުރުމަށް ސިފައިންގެ މުއައްސަސާއިން ނިންމާފައިވާ ކަމުގަ އެވެ. ޓައިގަރުންނާ ދެކޮޅަށް ސްރީލަންކާ ސިފައިން ދެމުންގެންދިޔަ ޙަމަލާތަކުގައާއި ޢަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގިނަ ޢަދަދެއްގެ ޢަސްކަރީ ކޭމްޕްތައް ޤާއިމްކޮށްފައި ވަނީ ޢާންމުންގެ ބިންތަކުގައި ކަމަށްވެ އެވެ.

މިކޭންޕްތަކުގެ ތެރެއިން ތިން ކޭމްޕް ފިޔަވައި އެހެން ހުރިހާ ކޭމްޕެއް ރޫޅާލުމަށް ފަހު ކޭމްޕްތައް ހުރިބިންތައް ވަރަށް އަވަހަށް އެބިންތަކުގެ ވެރިފަރާތްތަކާ ޙަވާލުކުރާނެ ކަމަށް ޖެނެރަލް ޖަޔަސޫރިޔާވިދާޅުވި އެވެ. ޓައިގަރުންނާ ދެކޮޅަށް ސްރީލަންކާ ސިފައިން ހިންގި ޢަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޤާއިމް ކުރި ގިނަ ކޭމްޕްތައް ހުރީ ޖަފްނާ ސަރަޙައްދުގަ އެވެ. ޖަފްނާގައިވާ ކޭންޕްތައް ރޫޅާލި ނަމަވެސް ޖަފްނާގެ ޕަލާލީ ޞަރަހައްދުގައި ސިފައިންގެ ކޮލޮނީއެއް ނުވަތަ ދާއިމީ ވުޖޫދެއް ޤާއިމް ކުރަން ރާވާފައިވާ ކަމަށްވެސް ޖަޔަސޫރިޔާ ވިދާޅުވި އެވެ. ޖަފްނާގެ ޕަލާލީ ޞަރަހައްދުގައި މިހާރު ވެސް ސްރީލަންކާ ސިފައިންގެ މައި މަޒުކަޒެއް ހުރެ އެވެ.

ޖަފްނާގައި ސްރީލަންކާ ސިފައިން"ހައި ސެކިއުރިޓީ ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ އަމިއްލަ ފަރާތްތަކުގެ ބިންތައް އެކުލެވޭ ސަރަހައްދަކަށްވިޔަސް އެސަރަހައްދު އަދި ވެސް އެގޮތުގައި ބާއްވާނެ ކަމަށް ޖަޔަސޫރިޔާ ވިދާޅުވި އެވެ. ނަމަވެސް އެބިންތަކަށް ބަދަލުދިނުމަށް ސަރުކާރުން ހަތަރު ސަތޭކަ މިލިޔަން ރުޕީސް ސަރުކާރުން އެލޮކޭޓްކޮށްފައިވާ ކަމަށްއޭނާ ވިދާޅުވި އެވެ. (ސްރީލަންކާ މީޑިޔާ)