27 May 2013, 09:44
ބަޣްދާދު (މޭ 27): ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނައުމުގެ މަޤްސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސުލްޙައިގެ މަހާސިންތާގައި ބައިވެރިވާނެކަން ސޫރިޔާ ސަރުކާރުން ބުނެފި އެވެ.
ޢިރާގަށް ވަޑައިގެން އުޅުއްވާ ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވިދާޅުވީ ޖެނީވާގައި ބާއްވާ ސުލްޙައިގެ މަހާސިންތާގައި އޭނާގެ ސަރުކާރުން ބައިވެރިވާނެ ކަމުގަ އެވެ. ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމުގެ މަޤްދަސުގައި ބާއްވާ މި މަހާސިންތާ އިންތިޒާމު ކުރުމުގެ ކަންތައް ކުރިޔަށްގެންދަނީ އެމެރިކާއާއި ރަޝިޔާ އާއި އދ. ގުޅިގެންނެވެ. ޖެނީވާގެ މަހާސިންތާގައި ބައިވެރިވާނެކަން ސޫރިޔާގެ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އިޢްލާންކޮށްފަ އެވެ. އެކޯލިޝަންގެ ކުރީގެ ރައީސް އަހްމަދު މުޢާޛުލްޚަތީބު ވިދާޅުވީ މިމަހާސިންތާގެ އެޖެންޑާގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ދުރުވެވަޑައިގަތުމާ ބެހޭ މައްސަލަ ހިމަނަންޖެހޭނެ ކަމުގަ އެވެ. ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ރައުޔަކީ މިއީ ކަމަށް އޭނާ ވިދާޅުވި އެވެ. މިމަހާސިންތާގައި އީރާން ބައިވެރިކުރުމަށް ފަރަންސޭސިވިލާތުން ދެކޮޅު ހަދާއިރު ރަޝިޔާ ބުނަނީ މި މަހާސިންތާގައި އީރާން ބައިވެރިކުރަން ޖެހޭނެކަމުގަ އެވެ. ޖެނީވާ 2 ގެ ނަމުގައި ބާއްވާ މިމަހާސިންތާ އަށް ތައްޔާރުވުމުގެ ގޮތުންނާއި މިމަހާސިންތާގައި ބައިވެރިކުރާ ފަރާތްތަކާބެހޭ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލުމަށް ޓަކައި އެމެރިކާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރުން ޕެރިހުގައި މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. (އަލްޖަޒީރާ)