27 May 2013, 09:34
ވަތަނިއްޔާ ކްލަބް މޯލްޑިވްސް ކަޕް، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)ގެ ޓީމް ހޯދައިފި އެވެ.
ޑީއެސްސީ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު، މާފަންނު ވެލިދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި ޕޮލިސް ކްލަބާ ބައްދަލުކޮށް 1–0 ލަނޑުގެ ނަތީޖާ އިން މެޗް ކާމިޔާބުކޮށްގެންނެވެ. އަދި މިއީ ދިވެހި ސިފައިންގެ އަންހެން ޓީމް މިމުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
އިއްޔެ މެޗްގެ ހަމައެކަނި ލަނޑު މެޗްގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ޖަހާދީފައި ވަނީ ޑީއެސްސީގެ ފަދުވާ ޒާހިރެވެ. އަދި ފައިނަލް މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށް ވެސް ހޮވިފައި ވަނީ ފަދުވާ ޒާހިރެވެ.
މިމެޗް ނިމުމުން، ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން، މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު ހުސައިން ޝަރީފެވެ. އަދި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބްގެ ފަދުވާ ޒާހިރު އާއި މޯލްޑިވިއަންގެ ފާތިމަތު ސާލިޔާ އާއި ޕޮލިސް ކުލަބުގެ ޝީނީޒް މުހައްމަދާއި ޕޮލިސް ކުލަބުގެ އައިމިނަތު ލީޒާ އަދި ރައީސް އޮފީހުގެ އައިޝަތު މާހިންނެވެ.
މުބާރާޓުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަންގެ ފާތުމަތު ޝާލިޔާ އާއި އައިމިނަތު ޒާހިޔާ އެވެ.
މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ހަމީދު ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރައީސް އޮފީހުގެ ޓީމެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ، މީގެ އަށް އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތް އަންހެނުންނަށް ހާއްސަކޮށްގެން ބާއްވަން ފަށާފައި ވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ.