ގދ. ފަރެސްމާތޮޑާ، ރޯޒީސައިޑް އުމުރުން 30 އަހަރުގެ މުހައްމަދު ފަލާހު މި މަހުގެ ނުވަ ވަނަ ގެއްލުނުއިރު، އޭނާ ވަނީ ހައިރާން ކުރަނިވި މެސެޖެއް އަންހެނުނަށް ދިފާ އެވެ. ފަލާހު ކޮއްކޮ މެދުވެރިކޮށް ފަލާހު ބުނީ މިހެންނެވެ. "އަންހެނުން ކައިރީ ބުނާށޭ ކަލެއަށް ޓަކައި މަރުވެއްޖައީމޭ، އަހަރެންމަތިން ހަނދާން ނައްތާލަށޭ،" ފަލާހު ބުނި ކަމަށް އަންހެނުން ބުންޏެވެ.

އެހެން ބުނި ދުވަހު، ފަލާހު ދުއްވި ޑިންގީ ހުއްޓި ކޮޅިގަނޑެއްގައި ޖެހި ގެއްލުނީ އެވެ. ނަމަވެސް ދެ ހަފްތާފަހުން ރާއްޖޭގެ އިރުން 900 މޭލު ބޭރުން ފަލާހު ބޯޓަކަށް ނަގައި މެލެޝިޔާ މަގުން މިރޭ މާލެ އައިސް އެހެން ބުނި ސަބަބު އޮޅުންފިލުވައިދިނެވެ. "އެއީ އަޅުގަނޑު މަޖަލަށް ބޭނުން ކުރި ބަހެއް އިނގޭތޯ އެ ބަހަކީ،" ކަންބޮޑުވުމެއް ނެތި، އެއީ މަޖަލަށް ބުނި އެއްޗެއް ކަމަށް ފަލާހު ބުންޏެވެ.

މިރޭ 10:30ގައި ރާއްޖެ އައިސް ހުޅުލޭ އެއާޕޯޓަށް އޭނާ އަށް މަރުހަބާ ކިޔަން ތިބި މީހުންނާ ބައްދަލު ކުރުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފަލާހު ބުނީ އޭނާ ރާއްޖެ އަށް އާދެވުނީތީ "ވަރަށް، ވަރަށް، ވަރަށް ވަރަށް، އުފާވެއްޖެ" ކަމަށެވެ. އަދި އެއީ އޭނާ ގެއްލުނު ފަހުން އުންމީދު ކުރެވުނު ކަމެއް ވެސް ނޫން ކަމަށާއި ނަމަވެސް މިއަދު އޭނާގެ އާއިލާ އާ ދިމާވުމުން ވަރަށް އުފާކުރާ ކަމަށް ފަލާހު ބުންޏެވެ. "އަޅުގަނޑު ކަނޑުވެގެން އޮތްއިރު ތިން ވަރަކަށް ބޯޓް ވެސް އަޅާނުލާ ދިޔާމާ އުންމީދުކެނޑުނު، ނަމަވެސް މިއަދު ވަރަށް އުފާވެއްޖެ" ފަލާހް ބުންޏެވެ.

ފަލާހް ބުނީ އޭނާ ކަނޑުވެފައި އޮއްވައި ސަލާމަތްކުރި ބޯޓުގެ މީހުން އޭނާ އާ ދޭތެރޭ ކަންތައްތައްކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

ފަލާހް ގެއްލިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު ކުޑަ ޑިންގީއެއްގައި ފަރެސްމާތޮޑާ ކައިރީގައި އޮންނަ "ފާތިހުއްޓާ" ކިޔާ ފަޅުރަށެއްގެ ކައިރިންނެވެ. އަދި އޭނާ ގެއްލުނީ އައުޓް ބޯޑް އިންޖީނެއް އަޅާފައިވާ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްގައި އުޅެނިކޮށެވެ. އަދި އޭނާ ޖަރުމަނުގެ ބޯޓަކަށް ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރާއްޖެއާ 900 މޭލު ދުރުން ނެވެ.