27 Oct 2010, 11:25
ވިލުރީފު ރިސޯޓްގައި ކުރި ރަމްޒީ ކައިވެންޏެއްގައި ޓޫރިސްޓް ދެމަފިރިއަކާ ދިމާލަށް ހުތުރުބަހުން ވާހަކަ ދައްކައި އޭގެ ވީޑިއޯ ޔޫޓިއުބުގައި އާންމު ކުރުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެދި ރިސޯޓްގެ މެނޭޖްމެންޓުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި މައްސަލައާ ގުޅިގެން ރިސޯޓްގެ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް މައްސަލަ ބަލައިދިނުމަށް އެދުމުން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ފުލުހުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. ފުލުހުން މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
‹އިހާނެތިކޮށް މުހާތަބުކޮށްފައިވާ ދެމަފިރިންނާ މެނޭޖްމެންޓުން ގުޅައި އެކަމަށް މާފަށް އެދުމާއެކު ކުންފުނީގެ ފަރާތުން ބަދަލު ދިނުމުގެ މަސައްކަތްދަނީ ކުރަމުން›
މި މައްސަލައާ ގުޅިގެން ރިސޯޓްގެ މެނޭޖްމެންޓް، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނަނީ މިދިޔަ އާދީއްތަ ދުވަހު ސޯޝަލް ނެޓްވޯކް ޔޫޓިއުބުގައި "ފޭކް ވެޑިން އިން މޯލްޑިވްސް"ގެ ނަމުގައި އާންމު ކޮށްފައިވާ ވިޑިއޯ އަކީ ވިލުރީފުގައި ހިންގާފައިވާ ހަރަކާތެއް ކަމަށްވާތީ އެކަމާ ގުޅިގެން ކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ މި ހަރަކާތް ރިސޯޓްގައި ހިންގުމުގައި ރިސޯޓުން ޝާމިލުވެފައިވާ ހުރިހާ ފަރާތެއް ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށާއި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ އެ އަމަލަކީ މާފު ނުކުރެވޭވަރުގެ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށާއި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާމެދު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މެނޭޖްމެންޓުން އަޅާނެ ކަމަށެވެ.
މީގެ އިތުރުން ބުނެފައި ވަނީ އާންމުކޮށްފައިވާ ވީޑިއޯގައި އިހާނެތިކޮށް މުހާތަބުކޮށްފައިވާ ދެމަފިރިންނާ މެނޭޖްމެންޓުން ގުޅައި އެކަމަށް މާފަށް އެދުމާއެކު ކުންފުނީގެ ފަރާތުން ބަދަލު ދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
"... ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓްގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު މި ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ލިބިގެންދިޔަ ހުތުރު ނަމާއި ކިލަނބު ކަމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުންނާއި ދިވެހި އެންމެހާ ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ކިބައިން މާފަށް އެދެމެވެ،" ރިސޯޓްގެ މެނޭޖްމަންޓްގެ ބަޔާނުގައި ވެއެވެ.
މަޓާޓޯ އިން މިއަދު ނެރުނު ނޫސްބަޔާން ބުނެފައިފައި ވަނީ އެ ހާދިސާގައި އެރިސޯޓްގެ މުވައްޒަފުންތަކެއް ބޭއަދަބީ ބަސްތަކުން މުހާތަބްކޮށް މަލާމާތް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ޔޫރަޕްގެ އެ ދެމަފިރިން އެމީހުންގެ ކައިވެނީގެ ހަފްލާ ރަމްޒީގޮތަކަށް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ބޭއްވުމުގެ ނިޔަތުގައި ބޮޑު ހަރަދެއްކޮށްގެން ފޮނި އުއްމީދުތަކަކާއި އެކު ބޭއްވުމަށްފަހު މިއަދު އެ ވީޑިއޯގައި އެވާ ބަސްމަގު އެމީހުންނަށް ފަހުމްވެއްޖެ ނަމަ އެކަން ވެގެންދާނީ މިރާއްޖޭގެ ރީތިނަމަށް އަންނަ ވަރަށް ބޮޑު ކިލަނބު ކަމެއް ކަމަށް މަޓާޓޯ އިން ބުނެ އެވެ.