26 May 2013, 22:55
މިހާތަނަށް އެއްބަޔަކު އަނެއް ބަޔަކަށް އިދިކޮޅަށް ތިބި ބަޔަކު އެކުވެގެން ކޯލިޝަނެއް ހެދި ނަމަވެސް އެ ކޯލިޝަން ދެމެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަތޮޅުތަކަށް ކުރެއްވި ކެމްޕޭން ދަތުރުތައް ނިންމަވާލެއްވުމަށް ފަހު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ކޯލިޝަނަކީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ހަދާއެއްޗެއް ކަމަށެވެ. ނަމަވެސް ކޯލިޝަން ހެދުމަށް އެއްބަސްވި އިރު ސަރުކާރުން ބައިއަޅާނެ ގޮތުގެ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް އެ ކޯލިޝަންގެ އިސް ވެރިން ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ކޯލިޝަންގެ އިސްވެރިން ދައްކަވާ އެފަދަ ވާހަކަތަކުން ވެސް ކޯލިޝަން ދެމެހެއްޓިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ކޯލިޝަނަކީ ހަމަ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށްޓަކައި އުފައްދާ އެއްޗެއް. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރަން އުނދަގޫވެގެން މި އުޅެނީ އެއް ފިކުރެއްގައި އެއް ވިސްނުމެއްގައި ނެތި އަދި މިހާތަނަށް ދިޔައިރު އެއްބަޔަކު އަނެއް ބަޔަކަށް އިނދިކޮޅަށް ތިބި ބަޔަކު މިހާރު ސިޔާސީ އެއް ޕްލެޓް ފޯމަކަށް އާދެވުމަކުންނެއް އެ ކޯލިޝަނަކީ އޭގެ ޒާތުގައި ދެމެހެއްޓެނިވި ގޮތަކަށް ހިނގާފާނެ އެއްޗެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް ވަހީދާ އެކު ޑީއާރްޕީން މިއަދު ކޯލިޝަން ހަދައިގެން އުޅޭއިރު ރައީސް ވަހީދާއި އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންގެ އިތުބާރުނެތް ކަމަށް ނަގާ ވޯޓުތައް ސިއްރުކުރުމަށް ވޯޓުދެއްވި ބޭފުޅުންގެ ތެރޭގައި ޑީއާރްޕީގެ މަޖިލީސް މެންބަރުން ހިމެނޭ ކަމަށެވެ.
ކޯލިޝަން ހެދުމުގެ ތަޖުރިބާ މީގެކުރިން ދިވެހީން ކޮށްފައިވާ ކަމަށާއި އެގޮތުން 2008 ވަނަ އަހަރު ހެދި ކޯލިޝަން ވެސް ލަސްތަކެއް ނުވެ ރޫޅިގެން ދިޔަކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.