މި މަހުގެ 16 އިން 18 އަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު މީހެއްގެ ގަޔަށް ވަޅި ހަރައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 11 ޒުވާނަކު އެއް އިމާރާތެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިރޭ 8:30 އެހާކަންހާއިރު އެ މީހުން ހައްޔަރު ކުރީ މަޖީދީމަގުގައި ހުންނަ ކަލާސް ފިހާރަ ހިންގާ އިމާރާތުގެ 10 ވަނަ ބުރިންނެވެ. މިރޭ ހައްޔަރު ކުރި މީހުންގެ ވަނަވަރެއް އަދި އެ މީހުން އެ އިމާރާތަށް ވަދެތިބީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިލްސިލާ މާރާާމާރީތަކާ ގުޅިގެން މިރޭ ހޯދަމުންދިޔަ މީހަކު ވެސް ހިމެނެ އެވެ. ފުލުހުން ބުނީ މިރޭ ހައްޔަރު ކުރި މީހުންނާ ގުޅޭ ގޮތުން ނޫސްވެރިންނަށް ފަހުން މައުލުމާތުދޭނެ ކަމަށެވެ.

މިރޭ ހައްޔަރު ކުރި 11 ޒުވާނުންނާ އެކު މި މަހުގެ މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ޖުމްލަ 15 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

މ. ފެއަރީކޯނާ އަލީ ޝިފާން މާރާލިކަމުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި، މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 3912 މުހައްމަދު ޝައިފަން ޒަހަމްކޮށްލި މައްސަލާގައި ހައްޔަރު ކުރީ ހ.ލޮބީ މުހައްމަދު ކިނާނަތު އަހުމަދު 28، އާއި މ. ކޮޅުފުށީ ޒަހީރާމަންޒިލް، އަހުމަދު ޝިރުހާން ޝަމީމް 21، އާއި މާލޭ ދަފްތަރު އައްސަދު އިބްރާހިމް ރަޝީދު 18 އެވެ. ދެން ހައްޔަރުކޮށްފައި ވަނީ ބޮޑެތި ޖިނާއީ ކުށްތަކެއް ހިންގާފައިވާ ކަމުގެ ރެކޯޑް އޮންނަ ގ. މަސްއޮނޑިގޭގެ އިހުސާނުއްދީން ރަޝީދު 30 އެވެ.