26 May 2013, 19:43
ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު ކުލަބް އީގަލްސްއާއި ވީބީ އައްޑޫ އެފްސީ ބައްދަލު ކުރި މެޗު އެކެއް އެކަކުން ދެޓީމު އެއްވަރު ވެއްޖެއެވެ.
ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 71 ވަނަ މިނިޓުގައި ވީބީއަށް ކުރި ހޯދައިދިނީ އެކުލަބުގެ ބިދޭސީ މިޑްފީލްޑަރު ހެންސްލީ އަވިލޯއެވެ. އީގަލްގެ ޑިފެންޑަރު ކައިރިން ނައްޓާލާފައި ޕެނަލްޓީއޭރިޔާތެރެއަށް ވަދެ އަވިލޯ ފޮނުވާލި ބޯޅަ ގޮސްވަނީ ގޯލްގެ ތިރީ ކަނަށެވެ.
ވީބީއިން މެޗުގެ ކުރިހޯދިތާ ތިން މިނިޓުފަހުން އީގަލްސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮސްދިނީ އެ ކުލަބުގެ ކެޕްޓަން މުޙައްމަދު ތަސްނީމްއެވެ. އީގަލްސްގެ ޔޫސުފް ރަމީޒު ވީބީގެ ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ރީތި ހުރަސް އެހާމެ ރީތިކޮށް ތަސްނީމް ވަނީ ބޮލުންޖަހައި ވީބީގެ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.
މިއަދުގެ މެޗުން ދެކުލަބު އެއްވަރުވުމުން ލީގު ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަދުގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ ނުވަ ޕޮއިންޓު ހޯދައިގެން ލަނޑުގެ ތަފާތުން އީގަލްސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި ނުވަ ޕޮއިންޓާއެކު ވީބީ އޮތީ ތާވަލުގެ ހަ ވަނައިގައެވެ.
ވީބީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ޓީމުގެ ކުޅުމާ ދޭތެރޭގައި ޖުމުލަ ގޮތެއްގައި ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް އެއް ޕޮއިންޓު ލިބުމުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މާޒިޔާއާ ދެކޮޅަށް ދެއްކި ފަދަ ކުޅުމެއް ނުދެއްކުނީ މާ ބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން ކަމަށްވެސް ނަޒީހު ބުންޏެވެ.
"މެޗު ގޯހެއް ނޫން، ދެން އެއްޕޮއިންޓު ލިބުނީމަ ގޯސް. އެކަމަކު ކުޅުމުގެ ފެންވަރަށް ބަލާއިރު މެޗު ގޯހެއް ނޫން. ދެން މެޗުގެ ނަތީޖާ ދިޔަގޮތް ރަނގަޅެއް ނޫން. ކުރިން ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅުނު ފެންވަރަށް ނުކުޅެވުނު ބައިވަރު ސަބަބު ތަކެއް އެބަހުރި. ވެދާވެސް އެއަކަށް އެހީތެރިއެއް ނުވި. އެދުވަހަކީ ތަންކޮޅެއް ހޫނު މަޑުވެ ފިނިކޮށް އޮތް ދުވަހެއް. އެހެން ކަމުން އެއް ޓެމްޕޯއެއްގަ ޖައްސާލެވުނު. އެކަމަކު މި ހޫނުގަ 32 ޑިގްރީގަ ކުޅެން ޖެހުނީމަ ހުންނާނެ ދަތިތަކެއް،" ނަޒީހު ބުންޏެވެ. "މިދިޔަ ހުރިހާ ދުވަހަކު ޕްރެކްޓިސްވެސް ކުރީ ވިއްސާރައިގަ. އެތަފާތުވެސް އަންނާނެ ކުޅުންތެރިނަށް. އެކަމަކުވެސް ކުޅުމުގެ ފެންވަރާ ދޭތެރޭގައި އެއްޗެކޭ ބުނަންޏާ ހިތްހަމަ ޖެހޭ،"
ދިވެހި ލީގުގެ ދެވަނަ ބުރުގައި އީގަލްސްގެ ކޯޗު ކަމާއި އަލުން ހަވާލުވި އެކުލަބުގެ ކުރީގެ ކޯޗު އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ ތަޖުރިބާ މަދު ކުޅުންތެރިން ކޮޅެއް ގޮވައިގެން ނުކުތް ފުރަތަމަ މެޗުގެ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމަށެވެ.
"މެޗުގެ ނަތީޖާއާ މިގޮތަށް ނުކުތީމަ އެހާ ހިތްހަމައެއް ނުޖެހޭ. ކޮންމެ ހެނެއްވިޔަސް އަޅުގަނޑުމެންވެސް ނުކުތީ ތިންޕޮއިންޓު ހޯދަން. އެކަމަކު އަޅުގަނޑަށް އެނގޭ ޓީމުގެ ހުރިހާ ކުޅުންތެރިން އެއްވަރަށް މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ނަތީޖާ ނެރެވޭނެ. ދެން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރި،" ސާންތީ ބުންޏެވެ.
ދިރާގު ދިވެހި ލީގުގައި ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ ހަތްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި ތާވަލުގެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00ގަ އެވެ.