ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ އެއްވެސް ޢަމަލެއްގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ޖޭއެސްސީން ފަނޑިޔާރުންނަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އިއްޔެ މުޒާހަރާކޮށްފައި ވަނިކޮށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނީ ވާޖިބު އަދާކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަކީ ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުން ކުރާ ކަމެއް ކަމަށް މާނަ ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް މާނަ ކުރުމުގެ ފުރުސަތެއް ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ނައްސަކުން އެއްވެސް ފަރާތަކަށް ލިބިދީފައި ނުވާ ކަމަށެވެ.

"އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ ނައްސުތަކަށް ރިޢާޔަތްކޮށް ފަނޑިޔާރުންނާ ބެހޭގޮތުންއުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމަކީ މި ކޮމިޝަނާ މަތިކޮށްފައިވާ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތެކެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ހައި ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުގެ އިސް ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާންނަގާފައިވާތީ އެމްޑީޕީން އެކަމުގައި ކަންބޮޑުވުންފާޅު ކުރަމުންދާތީ ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި އެކަމަށް ރައްދުދީފައިވެ އެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނަނީ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ތަހުގީގުކުރަމުން ދަނިކޮށް، ކޮމިޝަނުން ނިންމާފައިވާ ނިންމުމަކާމެދު ސުވާލުއުފައްދައި އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެ ފަނޑިޔާރަކު، ބަލަމުންދާ ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅުމެއްނެތް ގޮތުގައި އެ ފަނޑިޔާރެއްގެ މައްޗަށް ފަހުން ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށް އެއްވެސް މިންވަރަކަށް ހުރަސްއެޅޭފަދަ ދުސްތޫރީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.