26 May 2013, 17:53
ރާއްޖޭގައި މިހާރު އުފެދިފައިވާ ތަފާތު ހިޔާލު ތަފާތުވުންތަކާއި ބައިބައިވުން ކުޑަކުރުމަށާއި އެކަންތައްތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް "ޕެނަލް ފޯ ނޭޝަނަލް ހާމަނީ"ގެ ނަމުގައި ޕެނަލްއެއް އިފްތިތާހްކޮށްފި އެވެ.
މިއަދު ތައާރަފްކުރި އެޕެނެލްގައި ހިމެނޭ ބޭފުޅުންނަކީ އަލީ ހުސެއިން ދީދީ އާއި ޑރ. އައިޝަތު އަލީ ނާޒް އާއި ޑރ. ރަޝީދާ މުހައްމަދު ދީދީގެ އިތުރުން ޑރ. ޒަކަރިއްޔާ މޫސާ އާއި ޑރ. އަބުދުއްސައްތާރު ޔޫސުފް އާއި ރަޝީދާ އަލީ އާއި މުހައްމަދު އަނިލް އެވެ.
އެޕެނަލް ތައާރަފްކުރުމުގެ ގޮތުން މިއަދު ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒަކަރިއްޔާ މޫސާ ވިދާޅުވީ އެޕެނަލް އަކީ ރާއްޖެ އަށް ދިމާވެފައިވާ މަދަނީ އަދި ސިޔާސީ އަދި އިގްތިސާދީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ދިމާވެފައިވާ ހިޔާލުތަފާތުވުންތައް ކުޑަކުރުމުގެ ގޮތުން އެކަމަށް ހިތްވަރުދީ އެކަންކުރިއެރުވުމަށް އުފެއްދި ޕެނަލްއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެޕެނަލްގެ މައިގަނޑު މަގުސަދުތަކަކީ ދެބަސްވުމާއި އަނިޔާވެރިކަން މަދުކުރުމާއި ސިޔާސީ ޕާޓީތަކުން ކަންކަން ނިންމުމުގައި މަޝްވަރާކުރުން އިސްކުރުމުގެ ރޫހު އަށަގެންނެވުމުގެ އިތުރުން މިނިވަން އަދި އިންސާފްވެރި އިންތިހާބަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ޑިމޮކުރަސީގެ އަސާސްތައް ކުރިއެރުވުމަށާއި ގައުމުގެ މުއައްސަސާތައް ހަރުދަނާ ކުރުމާއި އެތަންތަނާ މެދު އިތުބާރު އުފެއްދުމުގެ އިތުރުން ގައުމުގައި އެއްބައިވަންތަކަމާއި އިހުތިރާމް އާލާކުރުމުގެ އިތުރުން ގައުމީ މަޝްވަރާއެއް ފެށުމަށް މަގުފަހިވާ މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރުން ކަމަށެވެ.
ޑރ. ޒަކަރިއްޔާ ވިދާޅުވީ އެޕެނަލް އަކީ ޔުނައިޓެޑް ނޭޝަން(ޔޫއެން)ގެ އެހީތެރިކަމާ އެކު ހިނގަމުންދާނެ ޕެނަލްއެއްކަމަށާއި އެޕެނަލްއިން ބާއްވާ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު މާލޭގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ދީދީ ވިދާޅުވީ އެ ޕެނަލްއަކީ މިނިވަންކަމާ އެކު އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ގައުމީ މަސްލަހަތުގައި ހިންގުމަށް ނިންމާފައިވާ ޕެނަލްއެއް ކަމަށެވެ. އަދި އެޕެނަލްގެ ފަރާތުން އެކިއެކި ދާއިރާތަކުން ތަފާތު ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއެކު ވެސް މަޝްވަރާކޮށް މާލެ އާއި އަޮތޮޅުތެރޭގެ ހިސާބުތަކުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.