ލޯކަލް ގަވާންމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާޝިމް އަހުމަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޑރ. އާސިމް އެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، އެ އެގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީއާ މަސްއޫލުވާނެ ވަޒީރެއްގެ ގޮތުގައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 62 މާއްދާގެ (ހ) ގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާން ވެފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކު އެލްޖީއޭ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާނެ އެވެ.

ޑރ. އާސިމް އެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ އެލްޖީއޭގެ ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހުންނަވާ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ހޯމް މިނިސްޓަރުގެ ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރެއްވުމާ އެކު ގުޅިގެންނެވެ.

ރައީސް އައްޔަން ކުރައްވާ ވަޒީރުންގެ އިތުރުން އެލްޖީއޭ ބޯޑް އެކުލެވިގެން ވަނީ މާލޭ ސިޓީ ކައުންސިލްގެ މެންބަރަކާއި އިދާރީ ދާއިރާތައް ނިސްބަތްވާ އަތޮޅު ކައުންސިލްތަކުން އިންތިހާބުކޮށްފައިވާ ހަތަރު މެންބަރަކާއި މަޖިލީހުން އައްޔަންކޮށްފައިވާ މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާފައިވާ މެންބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.