ތިލަފުށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާ އެކު ބަންގުލަދޭޝް ހަތަރު މީހަކާ އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ރޭ ތިލަފުށިން ހައްޔަރު ކޮށްފައިވާ ފަސް މީހުންގެ ތެރޭ ހިމެނެނީ އުމުރުން 41 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 28 އަހަރުގެ މީހަކާއި 23 އަހަރުގެ އަހަރުގެ މީހެކެވެ. އެ މީހުންގެ ތެރެއިން 41 އަހަރުގެ މީހާ ފިޔަވައި ދެން ހައްޔަރުކުރި ހަތަރު މީހުންނަކީ ބަންގުލަދޭޝް މީހުން ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިލަފުށި ސައިޓެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ކުދިކޮށް އެތަކެތި ބަންދުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ 8:40ގައި ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ސައިޓަށް ފުލުހުން ވަދެ އެތަން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 65 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފަތެއް ހުރި ދެ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.