26 May 2013, 16:58
ހުޅުމާލެ އިން ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހަކަށް އެއް މަސް ދުވަސްވަންދެން ހުޅުމާލެ އަށް ނޭރޭނެ ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރެއްކޮށްފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުރާސްފަތި އެ އަމުރު ނެރެފައި ވަނީ މާލޭގައި ދިރިއުޅޭ 19 އަހަރުގެ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި މާލޭގައި އުޅޭ އުޅުމުގައި ވެސް 15 ދުވަސް ވަންދެން އޭނާ އަށް ހަމައެކަނި ބޭރަށް ދެވޭނީ އޭނާ ކްލާހަށް ކިޔަވަންދާން ޖެހޭ ގަޑިތަކުގައި އެކަނި ކަމަށެވެ. އެއީ ރޭނގަޑު 19:00 ން 21:00 އަށެވެ. އެގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.
ހުޅުމާލެ އިން ވައްކަން ކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލޭ ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ މާލޭ ހުޅުމާލެއިން ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގައި އަދި މީހުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ގިނަ އަދަދެެއްގެ ބޭރު ފައިސާއާ އެކު މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ އެމީހާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
މީގެއިތުރުން ފުލުހުން ވަނީ އެކި ދުވަސް މަތިން އޭނާ ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ ބައެއް ތަކެތި އޭނާގެ އަތުން ހޯދައި އެތަކެތި އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ވައްކަމުގެ އެ މައްސަލަތައް ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.