26 May 2013, 16:48
މި ދިޔަ އަހަރުގެ ފެބްރުއަރީ މަހު ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ އިމުން ބޭރުން ކަމަށް ބުނެ ކުރީގެ ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު އިސްވެހުންނަވައިގެން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުމުން، އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދަވައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެންގުމާ އެކު ސިވިލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ ފައިލް އެ ކޯޓަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
ސިވިލް ކޯޓުގައި އެންމެ ފަހުން އޮތް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އުޝާމާ މޫސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް ދައުވާކޮށް ދިޔާނާ އިސްވެހުންނަވައިގެން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ދައުލަތުން ދިރާސާ ކުރި އިރު އެ މައްސަލަ އަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އުޝާމާ ވިދާޅުވި އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ދިޔާނާ އާއި ގ. ރަންހިރި އިސްހާރު ތައުފީގު އާއި ގއ. ކޮލަމާފުށީ އޯޝަންރީޑް އާމިނަތު ނާޒުލީ އެވެ.
މައްސަލަ ޝަރީއަތަށް ހުށަހަޅުއްވަމުން ނާޒްލީ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަދަލުކޮށްލުމަށް ގާނޫނީ އިމުގެ ބޭރުން ގާނޫނުތަކާއި ގަވާއިދުތަކުގައި ބުނެފައިވާ އަސާސްތަކާ ޚިލާފަށް އާންމު ބަޔަކާ ގުޅިގެން ސިފައިންނާއި ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އާންމު ބަޔަކާ ގުޅިގެން ސިފައިންނާއި ފުލުހުން ބޭއަދަބީ ބަހުން މުޚާތަބުކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާ އަށް ގޮވައިހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ބޭފުޅަކު ހުންނަވަނިކޮށް ފުލުހުންގެ ބަޔަކު އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކަނޑައަޅައި ފުލުހުންގެ އިސްވެރިންގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވެސް ނާޒުލީ ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމުގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.