ދިވެހި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް އަންނަ އަހަރު ޖެނުއަރީ މަހު ހުޅުވާނެ ކަމަށް  އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންސްޓިޓިއުޓު މެލޭޝިއާ (އައިބީއެފްއައިއެމް) އިން އިއުލާނު ކޮށްފި އެވެ.


އައިބީއެމްއެފް އިން މިކަން އިއުލާނު ކުރީ އިއްޔެ ގްލޯބަލް އިސްލާމިކް ފޯރަމުގައި މޯލްޑިވިސް އިސްލާމިކް ބޭންކާއި އެ އިންސްޓިޓިއުޓާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ކަމަށް ދަ ސްޓާ ނިއުސްގެ މިއަދުގެ އަދަދު ބުނެފައިވެ އެވެ.  


މޯލްޑިވިސް ސްލާމިކް ބޭންކުގެ ޗެއާމަން ހާލިދު އަލް އަބޫދީ އާ ހަވާލާދީ ސްޓާގައި ބުނެފައި ވަނީ އިސްލާމިކް ބޭންކުން ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގެ ލޯކަލް މާކެޓްޝެއާގެ 25 ޕަސަންޓު ކަވަރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަސްވެރިކަން ކުރުމަށް އެހީވުމަށް ވެސް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.


"ރީޓެއިލް ބޭންކިންނާއި މޯގޭޖް (ރަހުނުގެ) ގޮތުގައި ލޯނު ދޫކުރުމަށް އަޅުގަނޑުމެން ނިންމާފައި ވަނީ. އަދި މެލޭޝިއާގެ ބަޔަކާ އެކު ސޭވިން ސްކީމެއް ވެސް ހުޅުވުމަށް މަސައްކަތް ކުރަމުން ދަނީ. ނަމަވެސް އަދި އެއްބަސްވުމަކަށް ނާދެވޭ. މަސްވެރިކަމަށް ލޯނު ދޫކުރުމަށް ވެސް ވަނީ ނިންމާފައި،"


ފުތަމަ އަހަރުގައި އިސްލާމިކް ބޭންކުން ދިވެހި ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައި ވަނީ އެންމެ ބުރާންޗެކެވެ. ނަމަވެސް މަޑުމަޑުން އިތުރު ބުރާންޗުތައް ހުޅުވުމުގެ މަސައްކަތްތައް އެ ބޭންކުން ކުރަމުން ގެންދާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.