ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ވައިޑީޕީ ޕްރޮގަރާމް ގެ ދަށުން ހިންގޭ ހަރަކާތެއްގެ ގޮތުގައި ފުވައްމުލަކުން އަށް ކުޅުންތެރިންނާއި ދެ ކޯޗުންނަށް އިތުރު ތަމްރީން ދިނުމަށް މާލެ ގެނައުމަށް ކުރިކެޓް ބޯޑުން ނިންމައިފި އެވެ.

ކުރިކެޓް ބޯޑުން ބުނީ، އެ ތަމްރީން ޕްރޮގްރާމް އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކަމަށެވެ.

އަދި އެ ޕްރޮގްރާމްގައި ބައިވެރިވާ ކުޅުންތެރިންނަށް ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ ކުރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް ކޯޗް ނިލަންތަ ކުރޫ އެވެ. އެގޮތުން އެ ޕްރޮގްރާމްގައި ކުޅުންތެރިންގެ ހުނަރު އިތުރު ކުރުމަށް ވަން-ޓު-ވަން ޕްރޮގްރާމް ތަކާއި އަދި ތަޖްރިބާ ހޯދުމުގެ ގޮތުން ކުރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓު ޓީމްތަކުގެ ކުޅުންތެރިންނާއި އެކު ޕްރެކްޓިސް މެޗްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ކްރިކެޓް ބޯޑުން އަތޮޅު ތެރޭގެ ރަށްރަށުން ކުޅުންތެރިން މާލެ ގެނެސްގެން މި ފަދަ ގޮތަކަށް ހިންގޭ ފުރަތަމަ ޕްރޮގްރާމެވެ.

ކުރިން ކުރިކެޓް ބޯޑުން ވަނީ ޒުވާން ކުޅުންތެރިންނަށް އިތުރު ތަމްރީން ހޯދައި ދިނުމަށްޓަކައި ސްރީލަންކާ އަށް އެކި ފަހަރު މަތިން ތަމްރީން ޕްރޮގުރާމްތަކުގައި ފޮނުވާފަ އެވެ. އެހެން ނަމަވެސް އަތޮޅުތަކުން ކުޅުންތެރިން މާލެ ގެނެސް ތަމްރީން ޕްރޮގްރާމް މީގެ ކުރިން ހިންގާފައި ނުވާކަމަށް ވެސް ކުރިކެޓް ބޯޑުން ބުނެފައި ވެއެވެ.