26 May 2013, 16:40
ލ. ކުނަހަންދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ހިންގާތާ ތިން މަސް ދުވަސް ވެފައިވާ ކަމަށް ބުނެ އެ ރަށު ރައްޔިތުން އެކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.
އެ ރަށުގެ ބައެއް މީހުން ސަންއާ ވާހަކަ ދައްކަމުން މިއަދު ބުނީ އެ ރަށުގައި ހުރި ޑޮކްޓަރު ދިޔަ ފަހުން އެ ރަށުގެ ސިއްހީ މަރުކަޒު ހިންގަމުން ގެންދަނީ ހެލްތު ވޯކަރެއް ކަމަށެވެ. އަދި އެ ރަށުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ވެސް ނުހުންނާތީ އަންހެނުންނަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި މީހަކު ވިހަން ވެއްޖެ ނަމަ ދާންޖެހެނީ އެ އަތޮޅު ހިތަދު އަށް ކަމަށް ވެސް އެމީހުން ބުންޏެވެ.
ކުނަހަންދޫ ރަށުގެ ސިއްހީ މަރުކަޒުން ފަރުވާއެއް ނުލިބިގެން ހިތަދު އަށް ދާން ވެސް 450ރ. ހަރަދުކުރަން ޖެހޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. އަދި އެ ފައިސާ ހަރަދުކޮށްފައި އެ ރަށަށް ދާތަނުން މާލެ ދިއުމަށް ބުނާ ކަމަށާއި ނަމަވެސް ކޮންމެ ކޮންމެ މީހެއްގެ ކިބައިގައި މާލެ ދެވޭނެ ފެންވަރު ނުހުންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުނީރު އިދުރީސް މިއަދު ވިދާޅުވީ ރަށުގެ ސިއްހީ މަރުކަޒުގައި ކުރިން ހުރި ޑޮކްޓަރު ޗުއްޓީއެއްގައި ފުރައިގެން ދިއުމާ އެކު ސިއްހީ މަރުކަޒަށްދާ މީހުން ބަލަމުން ގެންދަނީ ހެލްތު ވޯކަރެއް ކަމަށާއި ކުރިން ރަށުގައި ހުރި ޑޮކްޓަރަށް ނާދެވިގެން އުޅެނީ އޭނަ އަށް ވިސާ ނުލިބޭތީ ކަމަށެވެ. އަދި ވިދާޅުވީ ވިސާގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ސިއްހީ މަރުކަޒުން ކުރަމުން ގެންދާ ކަމަށެވެ.
"ޑޮކްޓަރު ޗުއްޓީ އަށް ދިޔަ ގޮތަށް ނާދެވިފައި ހުރީ ވިސާ ނުލިބިގެން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އިދުރީސް ވިދާޅުވި އެވެ.