ގދ. އަތޮޅަށް ދަތުރުކުރާ ބޯޓަކުން ބޭލި ފެން ކޭސްތަކެއްގެ ތެރޭ ބަނގުރާ ހުރި ފުޅިތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ގދ. ފިޔޯރިއަށް ބޭލި ފެންކޭހެއްގެ ތެރޭ ބަނގުރާ ކަމަށް ޝައްކު ކުރެވޭ ތިން ފުޅި ފެނިގެން އެ ތިން ފުޅި ފުލުހުންގެ ބެެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށާއި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ ބުރާސްފަތި ދުވަހު އެ ރަށު ފިހާރައަކަށް ގެންދިޔަ ފެންކޭހެއްގެ ތެރޭ ތަފާތު ކުލައެއްގެ ތިން ފުޅި ހުރުމުން ޗެކްކުރި އިރު ތަފާތު ވަހެއް ދުވާތީ އެކަން ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށެވެ. އަދި އެއީ ބަނގުރާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ކައުންސިލަރު ވިދާޅުވީ އެ ތިން ފުޅީގެ ތެރެއަށް ބަނގުރާ އަޅާފައި ހުރިއިރު ހުރީ ޕެކިންގައި ނަމަވެސް ފުޅީގެ މަތިގަނޑު ހުރީ ކަނޑާފައި ކަމަށެވެ. އަދި ފެންކޭސް ތެރޭ އެތިން ފުޅި ލީ ކޭހުން ތިން ފުޅި މަދުވާތީ ކަމަށް އެ ބޯޓުން ބުނެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

މުހައްމަދު އަހުމަދު ވިދާޅުވި ގޮތުގައި އެ ރަށަށް އެ ފެން ކޭސް ބާލާފައި ވަނީ "އާރިއާ" ނަމަކަށް ކިޔާ އެ އަތޮޅު ފަރެސްމާތޮޑާގެ ބޯޓަކުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފިޔޯރީގެ އިތުރުން އެ އަތޮޅުގެ އެހެންރަށްތަކަށް ވެސް އާރިއާ ބޯޓުން ބޭލި ފެންކޭސްތަކުގެ ތެރޭ ބަނގުރާ އަޅާފައި ހުރި ފުޅިތައް ހުރި ކަމަށްވެ އެވެ. އަދި އެތަކެތި ބައެއް މީހުން ބޮއިފައިވާ ކަމަށް ވެސްވެ އެވެ.