ރެފްރީންނަށް ބިރުދައްކާފައިވާ ކަމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ސާބިތުވާތީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ މެޑިކަލް އޮފިސަރު މުޙައްމަދު މުޢާޒަށް އެފްއޭއެމްއިން އަދަބު ދީފި އެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައި ވަނީ ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭވައިއެލް އާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗު ނިމުމަށްފަހު އޭވައިއެލްގެ މެޑިކަލް އޮފިސަރު މުޙައްމަދު މުޢާޒު ރެފްރީންގެ ރޫމުގެ ދޮރު ހުޅުވުމަށްފަހު ރެފްރީންނަށް ބިރުދެއްކި މައްސަލައިގައި އޭނާ އެއް މެޗަށް ސަސްޕެންޑުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މެޗު ކޮމިޝަނާގެ ރިޕޯޓަށާއި، މެޗު ރިޕޯޓަށާއި، އަދި ޑިސިޕްލިނަރީ ކޮމިޓީއަށް މެޗު އޮފިޝަލުން ހާޒިރު ކުރުމުން ދައްކާފައިވާ ވާހަކަ ތަކަށާއި، މިކަންކަމަށް ރިޢާޔަތް ކުރުމުން އޯލް ޔޫތު ލިންކޭޖުގެ މެޑިކަލް އޮފިސަރު، މުޙައްމަދު މުއާޒު، މެޗު އޮފިޝަލުން ތިއްބަވާ ޗޭންޖިން ރޫމްގެ ދޮރުގައި ޓަކިޖަހައި، އަދި މެޗު ކޮމިޝަނަރު ދޮރު ހުޅުވުމުން މުހައްމަދު މުއާޒު މެޗު އޮފިޝަލުންނަށް ބިރު ދައްކަން މަސައްކަތް ކޮށްފައިވާކަން އެނގޭތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 44 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު މުޢާޒު އެއް މެޗަށް ސަސްޕެންޑުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ބުނެވި ދިޔަ ގޮތުގެ މަތީން މައްސަލަ ނިންމަވާފައިވާކަން މީޑިޔާގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެފްއޭއެމްގެ ޕްރެސް ރިލީޒުގައި ވެއެވެ.

އަދި އެފްއޭއެމްއިން މިއަދު ނެނު އެހެން ޕްރެސް ރިލީޒެއްގައި ބުނެފައި ވަނީ، އޭވައިއެލްއާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗަށް ފަހު ރެފްރީން ރެފްރީޒް ރޫމަށް ވަންނަން ދަނިކޮށް، މއ. ގިރި، މުޙައްމަދު ޙަސަން ރެފްރީ މުޙައްމަދު އަނިލްއަށް ހަމަލާދިން މައްސަލަ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީން ބެއްލެވުމަށްފަހު، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 57 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޙައްމަދު ޙަސަނަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުޅިބަލާ ސަރަހައްދަށް ނުވަދެވޭ ގޮތަށް ޑިސިޕްލިނަރީ ކޮމެޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްއިން ވަނީ މިއަދު މާޒިޔާގެ ތިން އޮފިޝަލަކުވެސް ކުޅިވަރުގެ ރޫހާ ހިލާފު ވެފައިވާތީ، އެ މައްސަލަައި އެ އޮފިޝަލުން ތިން އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

މިއީ އެފްއޭއެމް އަށް އަލަށް އިންތިހާބު ކުރި ޑިސިޕްލިނަރީ ކޮމެޓީން ޓީމެއްގެ އޮފިޝަލުންނާއި އަދި ކުޅިބެލުންތެރިއަކާ މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.