26 May 2013, 15:45
ދުނިޔޭގެ އެކި ގައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގެ ހިމެނޭ އެންމެ އިސްވެރިން ހިމެނޭ "ދަ އިންޓާނޭޝަނަލް އެސޯސިއޭޝަންސް އޮފް ޗީފްސް އޮފް ޕޮލިސް" (އައިއޭސީޕީ)ގެ މެމްބަރުކަން ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށް ލިބިވަޑައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ މިއީ ދިވެހި ފުލުހުންގެ އިސްވެރިއަކު އެ ޖަމިއްޔާގެ މެންބަރަކަށްވި ފުރަތަމަ ފަހަރު ކަމަށެވެ.
އެމެރިކާގައި މައި އިދާރާ ހުންނަ އައިއޭސީޕީގައި އެކި ގައުމުތަކުން 20،000 ގިނަ މެމްބަރުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
ދިވެހި ފުލުހުންގެ މުއައްސަސާ ތަރައްގީ ކުރައްވައި ކުރިއެރުވުމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ ލީޑަޝިޕްގައި ވަނީ ފުލުހުންނަށް ދެވޭ ތަމްރީތައް އިތުރުކޮށް ބޭރު ގައުމުތަކުގެ ފުލުހުންނާ އެކު މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ގިނަ އަދަދެއްގެ ފުލުހުން ރާއްޖެ އިން ބޭރަށް ފޮނުއްވާފަ އެވެ. އަދި ''އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓްޑީޒް"(އައިލްސް) ކޮލެޖު ދަރަޖައިގައި އުފައްދަވައި ރާއްޖޭގައި ފުލުހުންނަށް ފުލުހުންގެ މުއައްސަސާ އިން ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެއްވާފަ އެވެ. މީގެ އިތުރުން އައިލްސް އަކީ އިންޓާ ނޭޝަނަލް ޕޮލިސް އެކަޑަމީ އެސޯސިއޭޝަން (އިންޓަޕާ)ގެ މެމްބަރެއްގެ ދަރަޖަ ހޯދާފައި ވަނީ ވެސް މިމުއްދަތުގެ ތެރޭގަ އެވެ.
އައިއޭސީޕީ އުފެދިފައި ވަނީ 1893 ވަނަ އަހަރުއެވެ.