މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނައިބު ރައީސް އަބްދުﷲ މޫސާ އާއި ސީއީއޯ ހުސެއިން ޝާފިއު އަދި މެޑިކަލް އޮފިސަރު އަހުމަދު ޝިފާޒް އަށް ތިން އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތި ލާން ޖެހިއްޖެ އެވެ.

މާޒިޔާގެ އެތިން އޮފިސަލުންނަށް ތިން އަހަރު ދުވަހުގެ ސަސްޕެންޝަނާ ކުރިމަތި ލާންޖެހުނީ، ދިރާގު ދިވެހި ލީގުގައި މިމަހުގެ ހަ ވަނަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ބައްދަލުކުރި މެޗް ނިމިގެން، މެޗް އޮފިޝަލުން ރެފްރީޒް ރޫމްގައި ތިއްބައި އަބްދުﷲ މޫސާ އާއި ހުސެއިން ޝާފިއު އަދި އަހުމަދު ޝިފާޒް ރެފްރީންގެ ޗޭންޖިން ރޫމް ތެރެއަށް ގްރޫޕް އެއް ގޮތަށް ވަދެގެން ގޮސް އަބްދުﷲ މޫސާ އެދުވަހު މެޗުގެ ރެފްރީކަން ކުރި އަހުމްމަދު އަސްލަ،ްގެ ކަރުގައި ހިފުމުންނެވެ.

އަދި ހުސެން ޝާފިއު އާއި އަހުމަދު ޝިފާޒް ގޮސް ރެފްރީ އަހުމަދު އަސްލަމްގެ އަތުގައި ހިފައިގެން ގެންގޮސް ފާރަށް ކޮށްޕާލާ އަދި އަބްދުﷲ މޫސާ ނިކުންނަމުން ބަދަލު ރެފްރީ އަހުމަދު އަފްސަހް ގައިގާ ފުޅިންޖަހާ މާރާމާރީ ހިންގުމުންނެވެ.

އަދި އެ މައްސަލަ ބަލާ، އެ ތިން އޮފިޝަލުންނަށް ފިޔަވަޅު އަޅާފައި ވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 39 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް 57 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގެ (ބ) ގެ ދަށުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ސަސްޕެންޝަންގައި ވާގޮތުން، ބައިނަލް އަގްވާމީ މުބާރާތް ތަކާއި، ގައުމީ މުބާރާތްތައް އަދި އެފްއޭއެމް އިން ޝާމިލްވެގެން ބާއްވާ މުބާރާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށާއި އަދި ކުޅިބަލާ ސަރަހއްދަށް ވެސް އެ ތިން އޮފިސަލުންނަށް ނުވަދެވޭ ގޮތައް ވަނީ ނިންމާފައެވެ.