މީގެ ދެ މަސް ކުރިން ފެށިގެން ހދ. ހިރިމަރަދޫ ރައްޔިތުން އެ ރަށުގެ ކައުންސިލް ހިސޯރު ކޮށްފައިވާތީ، ކައުންސިލުން ލިބެން ޖެހޭ މައުލޫމާތު ފުރިހަމަ ނުވާތީ އަތޮޅުތަކުގެ ވޯޓާސް ލިސްޓް ގެޒެޓް ނުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ސަން" މިއަދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ނަންތައް ހިމެނޭ، ވޯޓާސް ލިސްޓު ގެޒެޓް ނުކުރެވި ވަނީ ހިރިމަރަދޫ ކައުންސިލް އިދާރާގެ މަސައްކަތްތައް ހުއްޓިފައި ވާތީ އެ ރަށުން ބޭނުންވާ މައުލޫމާތު އަދި މިހާތަނަށް ވެސް ލިބިފައި ނުވާތީ ކަމަށެވެ. އެހެންކަމުން އެރަށް ނުހިމަނާ ވޯޓާސް ލިސްޓު ގެޒެޓް ނުކުރެވޭނެ ކަމަށާއި، އަދި އެ ގޮތަށް އެކަން ކޮށްފި ނަމަ ހިރިމަރަދޫ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވޯޓާސް ލިސްޓު ގެޒެޓް ކުރުމާ އެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ލިސްޓު އާންމު ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ހިރިމަރަދޫ ކައުންސިލް އިދާރާ ރައްޔިތުން ހިސޯރުކޮށްފައި ވާތީ އެ ރަށުގައި އެ ލިސްޓު އާންމު ނުކުރެވޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.


"...އެ ރަށުގެ އިހްތިޖާޖުގެ ސަބަބުން ދައުލަތުގެ އެއްވެސް މުއައްސަސާއަކާ ދެމެދު ކުރަން ޖެހޭ ކަމެއް އެ އުޅެނީ ނުކުރެވިގެން. ގެޒެޓް ކުރަން މި އޮންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓާސް ލިސްޓު ގެޒެޓް ކުރާ ދުވަހު ބަހައްޓަން ވާނޭ އެންމެންނަށް ފެންނަ ގޮތަށް. އެހެންވީމާ އެ ދުވަހު އެއްވެސް ރަށެއްގައި ނުބެހެއްޓޭ ނަމަ އިތުރު މައްސަލަ ތަކެއް ނުކުންނާނެތީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ގެޒެޓްކުރަން ނިންމާފަ ޖެހުނީ ފަސްކުރަން. އަދިވެސް އެ ރަށުން ބޭނުންވާ މައުލޫމާތު ތަކެއް ނުލިބޭ. އަދި ފޯކަލް ޕޮއިންޓެއް ވެސް ހަމައެއްނުޖެއްސޭ. މިއަދު ވެސް ނޭނގެ އަދި ވާނެ ގޮތެއް،" ފުއާދު ވިދާޅުވި އެވެ.

ވޯޓާސް ލިސްޓް ގެޒެޓްކުރާން ގާނުގައި ބުނެފައި އޮންނަނީ އިންތިޚާބު ބާއްވާ ދުވަހުގެ 45 ދުވަސް ކުރިންނެވެ. އަދި ގެޒެޓް ކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

ހިރިމަރަދޫ ކައުންސިލް އިދާރާގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ރައްޔިތުން ކުރަމުންދާ އިހްތިޖާޖު ހުއްޓާލައި ކައުންސިލް އިދާރާ އިން އެ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދޭނީ އެ ރަށުގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ފެށީމާ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ މަސައްކަތްތައް ހުއްޓިފައިވާތާ މިއަދަށް 76 ދުވަސް ވެއްޖެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ހިރިމަރަދޫ ފިޔަވާ ރާއްޖޭގެ އެއްވެސް ރަށެއްގައި ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ވޯޓާސް ލިސްޓު ގެޒެޓް ކުރުމުގައި ދިމާވެފައި ނުވާ ކަމަށެވެ. އަދި މިއަދު ވެސް އެ ރަށުގެ މައްސަލަ ހައްލުކޮށް ވޯޓާސް ލިސްޓް ގެޒެޓް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.