26 May 2013, 14:31
ހދ. ވާއިކަރަދޫ ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ޝަރީފާއި ހދ. ނެއްލައިދޫ ކައުންސިލް މެންބަރު ފާރޫގު އާދަމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ވައިކަރަދޫ ކައުންސިލް މެންބަރު އަބްދުﷲ ޝަރަފް މީގެ ކުރިން ހުންނެވީ އެމްޑީޕީގައި ކަމަށާއި އަދި ނެއްލައިދޫ ކައުންސިލް މެންބަރު ފާރޫގަކީ އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތިލައްވައިގެން ހޮވިވަޑައިގެންފައިވާ މެންބަރެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރު އަތޮޅުތަކުގައި ކުރައްވާ ކެމްޕެއިން ދަތުރުތަކުގައި އެކި ރަށްރަށުން ކައުންސިލަރުން ގެންދަނީ އެ ޕާޓީ އަށް ސޮއި ކުރައްވަމުންނެވެ. އެގޮތުން ހދ. ނޮޅިވަރަމް ރަށު ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިން ކައުންސިލަރަކު ޖުމްހޫރީ ޕާޓީ އަށް ވަނީ ސޮއި ކުރައްވާފަ އެވެ.