26 May 2013, 14:23
ކ. އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި މެރީނާއެއް ތައްޔާރު ކުރުމަށް އޮޕަރޭޓް، ޓްރާންސްފާ (ބީއޯޓީ) އުސޫލުން ހަދައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހުޅުވާލައިފި އެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ ދިވެހި ދައުލަތް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ޓްރާންސްޕޯޓް އޮތޯރިޓީ އިން، މާލެ އަތޮޅު އުތުރުބުރީ ދިޔަނެރުފަޅުގައި މެރީނާއެއް ހަދައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަޢުވަތު ހުޅުވާލާ ކަމަށެވެ. އަދި އެ ކަމަށް ޝައުގުވެރިވާ، މަސައްކަތް ކުރެވޭ ފަދަ މާލީ ގާބިލިއްޔަތު ސާބިތުކުރެވޭ ފަރާތްތަކުން ޝައުގުވެރިކަން ހާމަކޮށްދެވޭ މަޢުލޫމާތާ އެއްގޮތަށް އެ އޮތޯރިޓީ އަށް ހުށަހެޅުން އަންގާފައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެކަމަށް ޝައުގުވެރިވާކަން ހާމަކޮށް ހުށަހަޅާ ކަރުދާހާ އެކު ހުށަހަޅާ ކުންފުނި، ކޮންސޯޓިއަމް، ނުވަތަ ފަރުދުގެ މައުލޫމާތު ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ހިންގުމާ ހަވާލުވެ ތިއްބަވާ އިސްފަރާތްތަކާ ބެހޭ ކުރު ހުލާސާއެއްގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރުގެ މާލީ އޯޑިޓް ރިޕޯޓް ހުށަހަޅަން ވެސް އަންގާފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ އެކަމާ ބެހޭ މައުލޫމާތު ދިނުމަށް ޖޫން ތިން ވަނަ ދުވަހު 14:00ގައި ޓްރާންސްޕޯޓް އޮތޯރިޓީގައި ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި ތިން ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެ އެވެ.