ނުކުޅެދޭ މީހުންނަށް 2،000 ރުފީޔާގެ މާލީ އެހީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ލިބެން ފަށާނެ ކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ބުނެފި އެވެ.


މިއަދު މެންދުރު ދަރުބާރުގޭ 25 ގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ މެންބަރު ހަސަން ނިޒާމް ވިދާޅުވީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާރެތި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނުގެ ދަށުން ލިބެންވާ ފައިސާގެ އިނާޔަތްތައް ނުލިބިގެން ވަރަށް ގިނަ އަދެއްގެ ބެލެނިވެރިން ޝަކުވާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ އެލަވަންސް ލިބެން ފަށާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.  


"ބައެއް ފޯނުކޯލުތައް އެބައާދޭ ކޮން އިރަކުންހޭ ތިމަންނަ މެންނަށް ތިމަންނަ މެންގެ ދަރީންނަށް އެލަވަންސް ދޭން ފަށާނީ. ގާނޫނު ފާސްވެއްޖޭ ކައުންސިލް އުފެދިއްޖޭ. ގާނުގައި އެބައޮތް ދެއްތޯ ހަ މަސް ދުވަހުގެ ތެރޭގައޭ ހަމަޖައްސަން ޖެހޭނީ. އަޅުގަނޑުމެންގެ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުރި މީހުންގެ ހާލަގުގައި ތިބި މީހުންގެ ދަފުތަރެއް ނުހެދި އެއީ ނުކުޅޭ މީހެއް. މިއީ ނުކުޅެދޭ މީހެއް މިހެނެއް ނުނިންމޭނެ. އިރާދަ ކުރެއްވިއްޔާ ގާނޫނުގައި ބުނާ ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިކަން ފަށާނަން. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އިރާދަ ކުރެއްވިޔާ އަންނަ ޖެނުއަރީ މަހު އެލަވަންސް ދެވެން ފެށޭނެކަމަށް" ނާޒިމް ވިދާޅުވި އެވެ.


ކައުންސިލަށް ރައީސުލުޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ މެންބަރު އަދި އެ ކައުންސިލްގެ ޗެއަމަން އަހުމަދު އާތިފް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއީރާގައި އެކަށީގެންވާ ފަންނީ ބޭފުޅުން ނެތުން ކަމަށް އެނާ ވިދާޅުވި އެވެ.


 "ޖުމްލަ ގޮތެއްގައި ގާނޫނު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި. ފުރަތަމަކަމަކީ ނުކުޅެދުން ތެރިކަމަކީ އަޅުގަނޑުމެންނަށް ވަރަށް ޅަ މަފްހޫމެއް. ގާނޫނުން ސީދާ ވަކި ތާރީހެއް ކަނޑައަޅާފައި ތަންފީޒު ކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި. އޭގެ އިތުރުން ދެހާސް ރުފިޔާގެ އެލަވަންސަކާ ހެލްތު އިންޝިއުރަންސް ގާއިމް ކުރުން ހިމެނޭ. މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން އެކަން ކުރިއަށް އެބަގެންދާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑު ގޮންޖެހުމަކީ މި ދާއިރާގައި އެކަށީގެންވާ ފަންނީ މީހުން ނެތުމުން،" އާތިފް ވިދާޅުވި އެވެ.


މަދަނީ ޖަމިއްޔާތައް ތަމްސީލު ކުރައްވާ މެންބަރު ޝީދާތާ ޝަރީފް މިއަދު ވިދާޅުވީ ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒު ކުރަންވާ ހުރިހާ ކަންތައްތައް ތަންފީޒުކޮށް މުޅިން ނިންމާލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.


 "މި ގާނޫނުގައި އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ގައުމީ ފެންވަރެއްގައި އެއަށް ބަދަލެއް އަނަން ޖެހޭނެ. އެކަންތައްތަކަކީ ހަ މަސް ދުވަހުގެ ތެރޭގައި ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ކުރުން ދަތިވެދާނެ ކަންތައްތައް. ގާނޫނުގައި ކަނޑައަޅާ ހުރިހާކަންތައްތަކެއް ޔަގީނުން ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނުވާނެ. އެހެންނަމަވެސް ދިގު މުއްތެއްގެ ތެރޭގައި އެ ބޭފުޅުންނަށް ލިބެންވާ ހައްގުތައް ލިބިގެންދާނޭ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ" ޝިދާތާ ވިދާޅުވި އެވެ.


އެ ކައުންސިލުން ލަފާކުރާ ގޮތުގައި ދިވެހި ރާއްޖެގެ އާބަދީގެ 7 ޕަސަންޓާ 10 ޕަސްންޓާ ދެމުގެ މީހުންނަކީ ނުކުޅެދޭ މީހުންނެވެ. ނަމަވެސް ނުޅެދޭ މީހުންގެ ތަފާސް ހިސާބުތައް ނެތުމަކީ ގާނޫނު ތަންފީޒު ކުރުމަށް ދިމާވާ ބޮޑު ހުރަހެއްކަމަށް އެ ކައުންސިލުން ފާހަގަކުރެ އެވެ.


އެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މި އަހަރު ޖުލައި މަހު އަށް ވަނަ ދުވަހު އެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ ގަނޫނު ތަސްދީގު ކުރެއްވިތާ ހަ މަސް ދުވަސް ވުމުންނެވެ. ހަ މަސް ދުވަސް ވާނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހަށެވެ.