ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި "ސެންޓްރަލް ހެލްތު ޕްރޮކިޔުމަންޓް ޔުނިޓް"އެއް ގާއިމު ކުރުމަށް، ހެލްތު މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔުނޮޕްސް) ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްްޓްގެ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހެލްތް މިނިސްޓްރީ ޢަށް އަންގައިފި އެވެ.

އޭސީސީން ބުނީ ހެލްތު މިނިސްޓްރީން ޔުނޮޕްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ އެ ޕްރޮޖެކްޓާ ބެހޭ އެމްއޯޔޫގައި ޔުނޮޕްސް އާއި ހެލްތް މިނިސްޓްރީން 31 އޮކްޓޯބަރު 2012ގައި ސޮއިކޮށްފައިވާ ކަމަށާއި ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓާ ބެހޭ އެމްއޯޔޫގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައި ވަނީ އެ ޕްރޮޖެކްޓްގެ ފުރަތަމަ ފޭހުގެ މަސައްކަތްތައް ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ފޭސް2 އަދި ފޭސް3 މަސައްކަތައް ކުރިއަށް ގެންދިއުމުގާ ގުޅޭ ގޮތުން އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެެކޮމިޝަނުން ބެލިބެލުމުގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއަށް ޓަކައި ތައްޔާރުކޮށްފައިވާ މެނޭޖްމަންޓް ސާވިސް އެގްރިމަންޓްގެ ޑްރާފްޓަށް ފިނޭންސް މިނިސްޓްރީންނާއި ބަންޑަރަ ނައިބުގެ އޮފީހުން ހުއްދަ ހޯދައިފައިވާކަން އޭސީސީން ވަނީ ފާހަކޮށްފަ އެވެ.

ފިނޭންސް މިނިސްްޓްރީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް ބަަލަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ އެގްރިމެންޓްގެ ދަށުން ދިވެހި ރާއްޖޭގެ ސަރުކާރުން ކުރަން ޖެހިއްޖެ ހަރަދުތައް ކުރެވޭނީ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮޮތުގެ މަތިން އެ މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެންނެވެ. އަދި އެކަންތައް ހަމަަޖެހިފައިވޭތޯ ޔަގީން ކުރުމަށް އެޓޭނީ ޖެނެެރަލް ލަފާ ދީފައިވާ ކަމަށް ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެ އެގްރީމަންޓްގައި ސޮއިކުރިއިރު ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ކަންތައްތަކަށް އަދި އެޓާނީ ޖެނެރަލް ދީފައިވާ ލަފައަށް ރިޔާއަތްކޮށްފައިނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެގްރީމަންޓްގެ ދަށުން އެެ ޕްރޮޖެކްޓްްގެ ފައިސާގެ ޓްރާންސްފާ ކުރަން ހަމަޖެހިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދައިގެން ކަމުގައިވާ އިރު މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި އެފަދަ މަޝްރޫއަކަށް ފައިސާ ހަރަދުކުރުމަށް ބަޖެޓްކޮށްފައިވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންސަލްޓިންގް ކުންފުނި އައްޔަންކުރުމާއި މުދާ ގަތުގެ މަަސައްކަތް ހިމެނިފައިވާ އިރު އެފަދަ ކަންތައްތައް ކުރަން ޖެހޭ ފަރާތެއް ހޯދުމުގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ޒިންމާތައް ވަނީ ޔުނޮޕްސް އާއި ހެލްތް މިނިސްޓްރީއާ ދެމެދު ބަހާލެވިފަ އެވެ. އަދި މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހަމަޖެހިފައި ވަނީ ބިޑަށް ހުޅުވާލައިގެން ކަން ކަމަށާއި މަަސައްކަތް ކުރާނީ ޔުނޮޕްސްއިން ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކުން ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރުމުގައި އަމަލް ކުރާނެ އުސޫލުތައް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު އެ އުސޫލުތަކާއި ހިލާފަށް އެއްވެސް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދިއުމަށް ރޭވިފައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބާއި ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފާތަކާއި މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި ހިލާފަށް ކަމަށް ފާހަގަކުރެވޭތީ އެމަޝްރޫއު ކުރިއަށްގެންދާ ނަމަ އެކަންކަންތައް ރަނގަޅު ކުރުމަށް ވެސް އޭސީސީން ވަނީ ހެލްތު މިނިސްޓްރީ ޢަށް އަންގައިފަ އެވެ.

ހެލްތު މިނިސްޓްރީގެ މި ޕްރޮޖެކްޓްގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ބޭހާއި މެޑިކަލް އާލާތްތަކާއި އަދި އެނޫން ވެސް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން އެންމެހައި ތަކެތި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ގަނެ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމު ކުރުމެވެ.