ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިމްލާ ކޮންސްޓްރަކްޝަނަށް ދޫކުރި ލޯނެއް ނުދެއްކުމުން، ރަހުނުކޮށްފައިވާ ސަފާރީ ބޯޓެއް 10.6 މިލިއަން ރުފިޔާ އަށް ނީލަމުގައި ވިއްކާލަން ބޭންކުން އިއުލާންކޮށްފި އެވެ.

އެ ބޭންކުން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ވަނީ، މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ވިމްލާގެ ވެރިޔާ، ސ. ފޭދޫ، ދެކުނުގެ އިބްރާހިމް ރަޝީދު (ވިމްލާ ރަޝީދު)ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "އަރިވަރާ1" ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފައިވާ ކަމަށެވެ.

އަރިވަރާ1 އަކީ 29.750 މީޓަރު ދިގު 8.5 މީޓަރު ފުޅާ އަދި އަށް ކޮޓަރި ހުންނަ ސަފަރީ ބޯޓެކެވެ.

ބޭންކުން ބުނީ އެ ސަފާރީ ބޯޓު ވިއްކާލުމަށް މިމަހުގެ 20ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން 21 ވަނަ ދުވަހުގެ 1:30 އާ ހުށަހަޅާފައިވާ އެންމެ މަތީ އަގަކީ 10،620،000ރ. ކަމަށެވެ. އަދި އޭގެ ފަހުން އަގު ހުށަހަޅާ ފަރާތްތަކުން މަދުވެގެން 500،000ރ. ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ބޭންކުން ބުނީ ނީލަން ނިންމާލެވޭނީ އެންމެ ފަހުން އަގު ހުށަހެޅި ދުވަހުން ފެށިގެން އަގަށް ބަދަލެއް ނައިސް ޖެހިޖެހިގެން ފަސް ދުވަސްވަންދެން އެއް އަގެއް އޮވެއްޖެ ނަމަ ކަމަށެވެ.

ބޭންކުން ވަނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އިން ނެގި ލޯނު ދައްކާފައި ނުވާތީ، ރަހުނުގެ ގޮތުގައި ހުށަހެޅި "މަޑިވަރު 3" ސަފާރީ ވިއްކާލަން އިއުލާންކޮށްފަ އެވެ.