އާއްމު ސިއްހަތުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރުދުންނަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދޭ "ޑރ. ލީ ޖިންގ-ވޫކް ޕްރަވައިޒް ފޮ ޕަބްލިކް ހެލްތް އެވޯޑް" ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އާންމު ސިއްހަތަށް މަސައްކަތްކުރާ އަމިއްލަ ފަރުދުނާއި ޖަމިއްޔާ ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދޭ އެވޯޑް ޑައިބެޓިކް ސޮސައިޓީ އަށް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވި ދުނިޔޭގެ ސިއްހައްތު ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގަ އެވެ.

ސިއްހީ ވުޒާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑައިބެޓިކް ސޮސައިޓީގެ ނަން އެ ވުޒާރާ އިން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއަށް ފޮނުވާފައި ވަނީ މިދިޔަ އަހަރު ކަމަށެވެ. އެ ވުޒާރާ އިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދޭ ފަސް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އަހަރު އެ ވުޒާރާ އިން ރާއްޖޭގައި ހުޅުވާލި ކަމަށެވެ.

އާންމު ސިއްހަތުގެ މަސައްކަތްތަކަށް މަސައްކަތްކުރާ ފަރުދުނަށާއި ޖަމިއްޔާތަކަށްދޭ އެވޯޑް ލިބުނު ހާސިލްކުރާ ފަރާތްތަކަށް އައްޑަނައިގެ އިތުރުން ފައިސާގެ އިނާމް ވެސް ދީފައިވާ ކަމަށް ސިއްހީ ވުޒާރާ އިން މައުލޫމާތުދެ އެވެ.

ސިއްހީ ދާއިރާގައި ފާހަގަކުރެވޭ ފަދަ މަސައްކަތްކުރާ އަމިއްލަ ފަރުދުނަށާއި ޖަމިއްޔާތަކަށް 2008 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑް ހުށަހަޅާފައ ވަނީ ކޮރެއަން ފައުންޑޭޝަން ފޮ އިންޓަނޭޝަނަލް ހެލްތް ކެއާގެ ޑރ. ލީ ޖިންގް ވޫކް މެމޯރިއަލް ފަންޑުންނެވެ.

ޑައިބެޓިކް ސޮސައިޓީ އަކީ ރާއްޖޭގާއި ހަކުރު ބައްޔާ މެދު އާންމުން ހޭލުންތެރިކުރުމަށް ތަފާތު އެކި ހަރަކާތްތައް 2000 ވަނަ އަހަރު ފެށިގެން ހިންގަމުން އަންނަ ޖަމިއްޔާ އެކެވެ. ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން އާންމު ފަރުދުނަށާއި ޖަމިއްޔާތަކަށްދޭ އެވޯޑް މި އަހަރު ދެން ލިބިފައި ވަނީ ރިޕަބްލިކް އޮފް ޗައިނާ ޑރ. އަން ޑޮންގް އަށެވެ.