ޕާކިސްތާނުގެ ގުޖުރާތުގައި ދަތުރުކުރަމުން ދިޔަ ސްކޫލް ބަހެއްގައި ކުއްލިއަކަށް އަލިފާންރޯވެ، 16 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ އެވެ.

ޕާކިސްތާނު ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ދަ ނިއުސް އިންޓަނޭޝަނަލް ނޫހުން ބުނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އިރު އުތުރުން 120 މޭލު ދުރުގައި ގުޖްރާތުގައި ހިނގި އެ ހާދިސާގައި މަރުވީ އުމުރުން ހަ އަހަރާ 12 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ.

ބަހުގައި ރޯވީ އޭގައިވާ ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ކަމަށާއި އަލިފާން ރޯވުމާ އެކު ޑްރައިވަރު ދުވެ ފިލި ނަމަވެސް މިހާރު އޭނާ ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އަދި ބުނީ އަނދަމުން ދިޔަ ބަހުގެ ކުޑަދޮރުތަކުން ބޭރަށް ފުންމާލައިގެން ބައެއް ކުދިން ސަލާމަތްވި ކަމަށެވެ.

ބަހުގައި އަލިފާންރޯވީ ޑްރައިވަރުގެ އިހުމާލުން ކަމަށާއި ބަހަށް ދީފައިވާ ފިޓްނަސް ސެޓްފިކެޓްގެ މުއްދަތު މިދިޔަ އޭޕްރިލްމަހު ހަމަވެފައިވާ ކަމަށް ގުޖުރާތުގެ އޮފިޝަލުން ބުނެއެވެ.

ހާދިސާގައި މަރުވި ކުދިންގެ އިތުރުން ފަސް ކުދިން ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށާއި އެކުދިންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ނޫހުގައިވެ އެވެ.

މަންޒަރުދުށް ބައެއް މީހުންނާއި ހަވާލާދީ ނޫހުން ބުނީ އިއްޔެ ހިނގި ހާދިސާގައި އަލިފާން ރޯވި ބަހުގައި ޕެޓްރޯލް ތާންގީއެއް ހުރި ކަމަށާއި އެއީ ސްކޫލްގެ ޖަނަރޭޓަރަށް އަޅަން ގެންދިޔަ ޕެޓްރޯލް ތާންގީއެއް ކަމަށެވެ. އަދި ބުނީ ހާދިސާ ހިނގުމާ އެކު ސްކޫލް ބަންދުކޮށް، ސްކޫލްގެ ވެރިން ފިލާފައިވާ ކަމަށެވެ. އަމިއްލަ ފަރާތަކުން ހިންގާ އެ ސްކޫލް އިއްޔެ ހުޅުވާފައި ހުރި އިރު ހޮނިހިރު ދުވަހަކީ ޕާކިސްތާނުގައި ރަސްމީ ބަންދުދުވަހެކެވެ.