ފުޓްބޯޅަ މެޗުތަކުގައި ރެފްރީންގެ ނިންމުންތަކާއި ދޭތެރޭގައި ހިތްހަމަ ނުޖެހުން ފާޅުކުރުމާއި ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔުމަކީ އޮންނަ ކަމެކެވެ. ބައެއް ހާލަތްތަކުގައި ރެފްރީންނަށް އެ ގޮތަށް ފާޑު ކިޔާ ކޯޗުންނާއި ކުޅުންތެރިންނާއި ދޭތެރޭގައި އެތަންތަނުގެ ފުޓްބޯޅައާ ބެހޭ އިދާރާތަކުން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދެ އެވެ. މިއީ ރާއްޖޭގައި ވެސް އާ ކަމެއް ނޫނެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށި، މިއަހަރުގެ ދިރާގު ދިވެހި ލީގުގެ ކުޅުން މިހާތަނަށް އައި އިރު ކޮންމެ މެޗެއް ނިންމާލާފައި ނުވަތަ މެޗުގެ ތެރެއިން ވެސް ކުޅުންތެރިނާއި ޓީމުތަކުގެ އޮފިޝަލުން އެ މެޗުގައި ރެފްރީންގެ ނިންމުންތަކާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަން ފާޅު ކުރި އެވެ. އަދި ވަކި ބަޔަކަށް ކަމެއް ހާސިލުކޮށްދިނުމުގެ ގޮތުން ރެފްރީންގެ ނިންމުންތައް ފެންނަ ކަމަށް ތުހުމަތު ކުރެ އެވެ. މިއަހަރަކީ ރެފްރީންނަށް ފާޑުކިޔުންތައް އަމާޒުވާ ބޮޑު އަހަރެކެވެ.

ރާއްޖޭގައި މެޗެއްގައި ރަނގަޅު ފެންވަރެއްގައި ރެފްރީކަން ކޮށްލަ ދެވޭ ފެންވަރުގެ ތިބި މަދު ރެފްރީންގެ ފަރާތުން ވެސް އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްނުދޭ ކަމަށާއި އެފަރާތްތަކަށް ލިބެންޖެހޭ އެކިއެކި އިނާޔަތްތަކާއި މަންފާތައް ނުލިބުމުގެ ޝަކުވާ އޮހެމުންދަނީ މަދެއްކޮށް ނޫނެވެ.

މިއަހަރުގެ ދިވެހި ލީގުގައި މިހާތަނަށް ރެފްރީންނާ ބެހޭގޮތުން ފާޅުގައި ޝަކުވާކުރި އެއް ކޯޗަކީ ނިއުރޭޑިއަންޓުގެ ކޯޗު ވެލިޒާ ޕޮޕޯފު އެވެ.

"އަހަރުމެން މަތަކުރެވޭނޭ އޮތް ހަމައެކަނި ގޮތަކީ މި ކުލަބުގެ ކުޅުންތެރިން ތަކަކަށް ކާޑު ދައްކައިގެން ސަސްޕެންޑު ކުރުން،" ވިކްޓަރީއާ ދެކޮޅަށް ކުޅެ 4-0ން ނިއު މޮޅުވި މެޗަށްފަހު ރެފްރީންނަށް ފާޑުކިޔަމުން ނިއުގެ ކޯޗު ބުނެފައިވެ އެވެ.

ނިއުގެ ކޯޗު މީޑިޔާގައި ހާމަކަން ބޮޑު ގޮތެއްގައި ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔަން މެދުވެރިވީ ސަބަބެއް ނެތިއެއް ނޫނެވެ. މިފަހަކަށް އައިސް ނިއު ކުޅޭ މެޗުތަކުގައި ރެފްރީންގެ ނިންމުންތައް ބައެއްފަހަރު ތަންކޮޅެއް "ދޯހަޅި"ކޮށް ދާކަން ރެފްރީން ވެސް ގަބޫލު ކުރެ އެވެ.

"އަޅުގަނޑުމެން އެއްވެސް ކުލަބެއް މޮޅުވިޔަ ނުދިނުމަށް ނުވަތަ ވަކި ނުފޫޒެއްގައި ޖެހި ކުލަބެއް ދުއްވާލުމަކަށް މަސައްކަތެއް ނުކުރަން. އެހެނެއް ނޫން. އަޅުގަނޑުމެން އަތުން ވެސް ބައެއް ފަހަރު މެޗުތަކުގައި ގޯސްތައް ހެދިފައި އެބަހުރި. އެފަދަ ކަންތައް ރަނގަޅު ކުރަން ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން،" ރާއްޖޭގައި މިވަގުތު ތިބި ސީނިއާ ރެފްރީންގެ ތެރެއިން ރެފްރީއަކު ސަންއަށް ކިޔައިދިނެވެ.

ފުރަތަމަ ޑިވިޝަންގެ ޓީމުތައް ކުޅޭ މެޗު ތަކުގައި ބައެއް ކުލަބުތަކަށް ރެފްރީން ތަފާތު ކުރުންތައް ގެންގުޅޭކަން ފާހަގަ ކުރަނީކީ ހަމައެކަނި ކުލަބު ތަކުގެ އޮފިޝަލުން އެކަންޏެއް ނޫނެވެ. ދަނޑަށް އާންމުކޮށް ކުޅިބަލަން ވަންނަ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ރެފްރީންގެ ފަރާތުން ބައެއް ފަހަރު ފެންނަ އެފަދަ ހާމަކަންބޮޑު "ވަކިއަތަކަށް ޖެހޭ" ސިޔާސަތުގެ ވާހަކަތައް ދައްކައި ހަދަ އެވެ.

"އަޅުގަނޑަކީ އާންމުކޮށް މެޗުތައް ބަލައިލަން ދަނޑަށް ވަންނަ މީހެއް. ކުލަބަކަށް ސަޕޯޓު ކުރިކަމުގައި ވީނަމަވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ އަޅުގަނޑު ސަޕޯޓު ކުރާ ކުލަބާއި އަދިވެސް ލީގުގައި ކުޅޭ ދެތިން ކުލަބެއް، ވަކި ކުލަބު ތަކަކާއެކީ ކުޅޭ އެފަދަ މެޗު ތަކުގައި ރެފްރީންގެ ފަރާތުން ފެންނަން ނުޖެހޭ ފަދަ ފެންވަރުދަށް ނިންމުންތަކެއް ނިންމާތަން. މީކީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫން. މި ދަނޑުގައި [ގަލޮޅު ދަނޑު] މެޗުތައް ބަލަން އާންމުކޮށް އަންނަ ގިނަ ބަޔަކު އެކަން ފާހަގަކުރޭ،" ގަލޮޅު ދަނޑަށް އާންމުކޮށް މެޗުތައް ބަލަން ވަންނަ މީހަކު ބުންޏެވެ.

ކުޅިބަލާ މީހުންނާއި ކުޅުންތެރިންނާއި އަދި ކުލަބު ތަކުގެ އޮފިޝަލުން ރެފްރީންގެ ފެންވަރު ދަށޭ ނުވަތަ ވަކި ކުލަބަކަށް ވަކިގޮތެއް ހަދައޭ ކިޔައިގެން އަބަދު ވާހަކަތެކެއް ދައްކަން ޖެހޭނީ ކޮންމެ ވެސް ވަރަކަށް އޭގައި ހަގީގަތެއް ވެސް އެކުލެވޭތީ ކަމަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ރެފްރީންނަށް އެފްއޭއެމްއިން ނުފޫޒު ފޯރުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރެފްރީންނާ ހިއްސާ ކޮށްލުމުން އެ ފަރާތްތަކުން ދައްކާ ވާހަތައް އަދި މުޅިން ތަފާތެވެ.

"އަޅުގަނޑުމެންނަކީ ވެސް އިންސާނުން. ރެފްރީކަން ކުރަނީ ކުރާ ހިތުން. ވަކި ބަޔަކަށް ފައިދާ ތަކެއް ހޯދައިދޭކަށް ނޫން. ފުޓްބޯޅަ ކުރިއަރުވަން. އެކަމަކު އެފްއޭއެމުން މިހާރު ވެސް އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން މެޗުތަކަށް އަރަން ބޭނުންވާ ރެފްރީ ޖާޒީ ވެސް ހޯދައިދެނީކީ ނޫން. އަދި ރެފްރީންގެ ސެކިއުރިޓީއެއް ދެނީކީ ނޫން. އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ސީނިއާ ގިނަ ރެފްރީން ހަގީގަތުގައި މިހާރު މެޗުތަކަށް އަރަން ބޭނުމެއް ނުވޭ،" ރާއްޖޭގެ ސީނިއާ ރެފްރީއަކު ބުންޏެވެ.

މީގެ ހަތަރު ވަރަކަށް މަސް ދުވަސް ކުރިން އެފްއޭއެމްގެ ރައީސް ކަމާއި ހަލުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅައަށް މީގެ ކުރިން ނުފެންނަވަރުގެ ކުރިއެރުން ތަކެއް ގެނެސް ދިނުމަށްޓަކައި އެފްއޭއެމްއާ އަލަށް ހަވާލުވި އެޑް މިނިސްޓްރޭޝަނުން "ފުޓްބޯޅައިގެ މެގަ ޕްރޮޖެކްޓްތަކެއް" ހިންގާނެ ކަމަށެވެ. އަދި ރެފްރީންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ، ރެފްރީންގެ ޝަކުވާތަކުގެ އަޑު ވަރަށް ސާފު ވެއްޖެ ކަމަށާއި އެ ޝަކުވާތަކަށް ނިމުމެއް ގެނެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރެފްރީންނަށް ލިބެންޖެހޭ އިނާޔަތްތަކާއި އެހެނިހެން ރައްކާތެރި ކަމާއި އަދި ރެފްރީން ކުރިއެރުވުމަށް ކުރަށްވަންޖެހޭ މަސައްކަތްތައް ވެސް ފައްޓަވާނޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް ބަލާއިރު ރެފުރީން ތިބީ ހިންހަމަޖެހިގެނެއް ނޫންނެވެ. "އަޅުގަނޑުމެން މިއަދު ވެސް މި ތިބީ ދަނޑަށް ނިކުންނަ ހަތަރު ރެފްރީން އެއް ކުލައެއްގެ ޖާޒީއެއް އަޅާލާނޭ ފަދައެއް ނެތިފައި. މުބާރާތުގެ ފުރަތަމަ ބުރުގައި ދެ ޓީމެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ރެފްރީންނަށް ހަމަލާދިން މައްސަލައެއްގައި އަދިވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތް. ބައެއް ފަހަރު ސިފަވޭ ވަކި ޓީމެއްގެ ކުޅުންތެރިން ނުވަތަ އޮފިޝަލުންނާ ދޭތެރޭގައި އެފްއޭއެމުން ފިޔަވަޅު އަޅަން ޖެހުނީމައި ފަސް ޖެހޭގޮތް ވަނީހެން،" ގަލޮޅު ދަނޑުގައި މިހާރު ރެފްރީކަން ކުރާ ރާއްޖޭގެ އެންމެ ރަނގަޅު ހަ ރެފްރީންގެ ތެރެއިން ރެފްރީއަކު ބުންޏެވެ.

ރެފްރީންގެ ފެންވަރާ ދޭތެރޭގައި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް، އަލީ ސުޒޭން ވިދާޅުވީ މީގެ ކުރީގެ އަހަރުތަކާ އަޅާ ކިޔާއިރު ރެފްރީންގެ ފެންވަރު ވަކި ދަށް ނޫން ކަމަށާއި، އެފްއޭއެމުން ރެފްރީންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އަދި އިނާޔަތްތައް ވެސް ފޯރުކޮށް ދެއްވާ ކަމަށެވެ. އަދި އެފްއޭއެމްއަށް ރައްދުކުރާ ފާޑު ކިޔުންތަކާ ބެހޭ ގޮތުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ދިވެހި ކޯޗު ކަމަށް ވެސް އަޅުގަނޑުމެންގެ ގިނަ ބަޔަކު ގަބޫލު ކުރާ ސުޒޭން ވިދާޅުވީ، މީގެ ކުރިން އެފްއޭއެމްގައި ބަޔަކު ގެންގުޅުނުފަދަ ޖެއްސުން ކުރުމުގެ ސިޔާސަތެއް މިހާރު އެތަނުގައި ނޯންނާނޭ ކަމަށެވެ.

"އެއީ މާ ކުރީގެ ސިޔާސަތެއް، ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޮޑެތި އަދަބުތަކެއްދީ ދިގު މުއްދަތަކަށް ސަސްޕެންޑު ކުރަނީ. އަޅުގަނޑުމެން މިހާރު މިތަނުގަ ނޯންނާނެ އެ ސިޔާސަތެއް. ރާއްޖޭގެ ފުޓްބޯޅައަށް ގެއްލުން ލިބޭނޭފަދަ އެއްވެސް ކަމެއް މިހާރު އެފްއޭއެމްގައި މިތިބަ މީހުންގެ ފަރާތަކުން ނުފެންނާނެ. ދެން ވަކި ކުލަބެއް ދުއްވާލާށޭ ކިޔާފައި އަޅުގަނޑުމެން އެއްވެސް ކުލަބަކާ ޖައްސާލައިގެން އުޅޭ ބައެއް ނޫން މީކީ. މެޗެއްގައި ރެފްރީންނަށް ގޯހެއް ހެދިފައި ހުރެދާނެ. އަދި ބައެއް ފަހަރު ރެފްރީންގެ ނިންމުންތައް ބަލަން ތިބޭ މީހުންނަށް ގަބޫލު ނުކުރެވޭ ގޮތަކަށް ނިންމިފައި އޮވެދާނެ. އެކަމަކު ގިނަ ފަހަރު އަޅުގަނޑުމެން އެފަދަ މައްލަތައް ޓީވީ ރިޕްލޭ ބަލައިލާ އިރު ރެފްރީން ނިންމާފައި ހުންނަނީ ހަމަ ރަނގަޅަށް. އަދި މަދު ފަހަރެއްގައި ނިންމުން ގޯސް ވެސް ނުވެއެކޭ ނޫން،" ސުޒޭން ވިދާޅުވި އެވެ.

ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފު މީޑިޔާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ވާނެތޯ ސުވާލު ކުރުމުން ސުޒޭން ވިދާޅުވީ، ޕޮޕޯފް ގެނެސް އަދި މިހާތަނަށް އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައި ނުވާނޭ ކަމަށާއި، އެހެން ނަމަވެސް ޕޮޕޯފް އޭނާއާ ބައްދަލުކޮށް ބައެއް ޝަކުވާތައް ހިއްސާ ކޮށްފައި ވާކަމަށެވެ. އަދި އެފްއޭއެމްއިން ވަކި ބަޔަކާ ދޭތެރޭގައި ތަފާތު ކުރުމެއް ނުގެންގުޅޭ އިރު އެފްއޭއެމް ބަދުނާމުވާ ގޮތަށް މީޑިޔާގައި ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަމަށް ސުޒޭން ވިދާޅުވި އެވެ.

ބޭނުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުން ހޯދުމެވެ. ފުޓްބޯޅައިގެ މައި އިދާރާއާ އަލަށް ހަވާލުވި ޓީމަކީ ރާއްޖޭގެ ފުޓްބޯޅައަށް އުޖާލާކަން ގެނެސް ދެވޭނެ ބަޔެކެވެ. އަދި މިހާރު ވެސް އެ އިދާރާއިން ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމީ ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އަދި ކުރިން ހަވާލުވެ ތިބި ފަރާތްތަކުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އެވެ.

ވިސްނާލަންވީ ކަމަކީ، ދަނޑު މަތީގައި ރެފްރީން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުން މަކަށްވާ އިރު "ރެފްރީގެ ނިޔާއަކީ އަނިޔާއެއް ކަމަށް" ވާފަދަ ގޮތަކަށް ރެފްރީން ވެސް ނިޔާ ނުއިއްވުމެވެ. އަދި އެފްއޭއެމުން ވެސް ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ކުލަބުތަކުން ވެސް އެއްބާރުލުންދީ އެންމެން އެކައްޗެއް ކިޔައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލާ ކުރަން މަސައްކަތް ކުރަންވީއެވެ.