ހދ. އަތޮޅުން ރިސޯޓް ހެދުމަށް ދޫކޮށްފައި ހުރި ރަށްތަކުގައި އަންނަ ޖުލައި 31 ކުރިން މަސައްކަތް ފެށޭނެ ގޮތެއް ހަދައި ދިނުމަށާއި އެ އަތޮޅުގައި ރިސޯޓެއް ހުޅުވިފައި ނެތުމުގެ ކަންބޮޑުވުން އެ އަތޮޅު ކައުންސިލުން ފާހަގަކޮށްފި އެވެ.

އެ ކައުންސިލުގެ ދިހަ މެމްބަރުން ސޮއިކުރައްވައި މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވަނީ އެ އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށާއި އަތޮޅުގައި އިގްތިސާދީ ހަރަކާތްތަކެއް ނެތުމުން އާބާދީގެ ގިނަ ރައްޔިތުންނަކީ ވަޒީފާއެއް ނެތި ދިރިއުޅެމުންދާ ބައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ފުދުންތެރިކަމާއި އިގްތިސާދީ ހާލަތު ދަށްވެ އެކަމުގެ އަސަރު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ފޯރަމުންދާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަތޮޅު ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ ރާއްޖޭގެ އިގްތިސާދުގެ މައިތަނބަކީ ޓޫރިޒަމް ކަމަށްވާ އިރު އެ އަތޮޅަކީ މިހާތަނަށް އެއްވެސް ރިސޯޓެއް ހެދިފައި ނެތް ހަމައެކަނި އަތޮޅު ކަމަށެވެ.

"ކަން މިހެން ހުރުމުން ފާއިތުވެދިޔަ ދެ ސަރުކާރާއި މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ކަމާ ގުޅުންހުރި ވުޒާރާތަކާ ތަކުރާރުކޮށް ބަދަލުކޮށް މި މައްސަލަ ވަނީ ހުށަހެޅިފަ އެވެ. އަދި ހަމަ މިއާއެކު ޓޫރިޒަމް ދާއިރާ އިން މި އަތޮޅުގެ އިތުރު ރަށްތައް ތަރައްގީކުރުމަށް ޓޫރިޒަމް މާސްޓާ ޕްލޭންގައި ހިމަނައި ދެއްވުމުމަށް ވެސް މި ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅާފަ އެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަތޮޅު ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ އެ އަތޮޅުން ޓޫރިޒަމަށް މިހާތަނަށް ދޫކޮށްފައިވާ ހޮނޑާފުށި، ކުޑަމުރައިދޫ އަދި ނަގޯށީގެ އިތުރުން ނޮޅިވަރަންފަރާއި ހަނިމާދޫ ޓްރޭނިން ރިސޯޓް ގާއިމުކުރުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ނުގެންދާތީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި އެކަން ހުށަހަޅާފައި ވަނިކޮށް އެ އަތޮޅުން ރަށެއް ނުހިމަނައި ކުރީ ސަރުކާރުން ޓޫރިޒަމަށް ދޫކުރަން ކަނޑައެޅި 15 ރަށް އެ ގޮތަށް ބަދަލު ނުގެނެސް އިއުލާންކުރުމުން ފާއިތުވި ދެ ސަރުކާރުންނާއި މި ސަރުކާރުން ވެސް ގަސްދުގައި އެ އަތޮޅާ މެދު އިހުމާލުވެފައިވާކަން ހަމާވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހޮނޑާފުށީގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ތްރީއޭ ޕްރައިވެޓް ލިމިޓެޑަށެވެ. ނާގޯށި ދޫކޮށްފައި ވަނީ އެމްޓީޑީސީ އަށެވެ. ނޮޅިވަރަންފަރުގައި ޓްރޭނިން ސްކޫލަކާއި ރިސޯޓެއް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ނަލަވެލި މޯލްޑިވްސް އަށެވެ. ކުޑަމުރައިދޫ ހަވާލުކޮށްފައި ވަނީ ޖޭއެޗް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެ ނޫސްބަޔާނުގައި ވަނީ އެ ކައުންސިލްގެ އިލްތިމާސްއަށް އިޖާބީ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މުޅި އަތޮޅު ގުޅިގެން ކުރާ ސިލްސިލާ އިހުތިޖާޖެއް ފަށަން ޖެހިދާނެ ކަމަށެވެ.