26 May 2013, 12:28
އިނިގިރޭސިވިލާތުގެ ހައިވާނު ބަގީޗާއެއްގައި މިނިކާވަގުގެ ކޮއްޓަށް ވަން އަންހެން މީހާ އަށް މިނިކާވަގު ދިން ހަމަލާގައި ލިބިފައިވާ އަނިޔާތަކަށް ފަރުވާކުރަމުން ދަނިކޮށް މަރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ކަމްބްރިއާގައި ހުންނަ ސައުތު ލޭކްސް ވައިލްޑް އެނިމަލް ޕާކުގައި ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ހައިވާނު ބަގީޗާގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ޒޫކީޕަރެއް ކަމަށްވާ ސާރާ މެކުކުލޭ އެވެ. ސާރާ އަށް ހަމަލާދީފައި ވަނީ ސުމްޓަރަން ޓައިގާއެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ސައުތު ލޭކްސް ވައިލްޑް އެނިމަލް ޕާކުގެ ވެރިޔާ ޑޭވިޑް ގިލް ބުނީ މިނިކާވަގުތައް ދިރިއުޅޭ ކޮށްޓަށް ވަނުމަކީ މަނާ ކަމެއް ކަމަށާއި ސާރާ މިނިކާވަގުގެ ކޮއްޓަށް ވަތް ސަބަބެއް ނޭނގޭ ކަމަށެވެ.
"ކޮއްޓަށް ވަންނާކަން ނުޖެހޭނެ. އެއީ މަނާ ކަމެއް. ސާރާ ކޮއްޓަށް ވަނީ ކީއްވެގެން ކަމެއް ނޭނގޭ. ދެން ނުވެސް އެނގޭނެ،" ސާރާ މަރުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގިލް ބުންޏެވެ.
ކަމްބްރިއާގެ ފުލުހުން ބުނީ ހަމަލާގެ ތެރޭގައި ވެސް ކޮށީގެ ބޭރުގައި ތިބި އާއްމުންނަށް މިނިކާވަގުގެ ފަރާތުން ނުރައްކަލެއް ނެތް ކަމަށާއި ހަމަލާއަށް ފަހު ވެސް، މިނިކާވަގުތައް ތިބީ އެއެއްޗެތީގެ ކޮށީގައި ކަމުން އިތުރު ނުރައްކަލެއް ނެތް ކަމަށެވެ.