އެއީ އުމުރުން 70އިން މައްޗަށް ގޮސްފައިވާ ނައިފަރު މަރިޔަމް ހުސައިން އެވެ. ނައިފަރު ދޮންމަރިޔަނބެވެ. އޭނާގެ މަންމަ ނައިފަރަށް ނިސްބަތްވިޔަސް ބައްޕައަކީ ހދ. ވައިކަރަދޫ މީހެކެވެ. ނައިފަރު މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަރިޔަމް ހުސައިން ހދ. މަކުނުދޫ އަށް ބަދަލުވީ އެ ރަށުގައި އޭރު ވަޒަންވެރިވެގެން އުޅޭ ކަނޑިތީމު މީހަކާ އިނދެގެނެ އެވެ. ނަމަވެސް މިހާރު ފިރިމީހާ މަރުވެ، ދޮން މަރިޔަނބު މަގުމަތިވެއްޖެ އެވެ.

ހަމައެކަނި ހުރި ފިރިހެން ދަރިފުޅަކީ ވެސް ސިކުޑީގެ އުނިކަމެއް ހުރި މީހެކެވެ. މަންމަ އަށް ލިބޭ ޖެހޭ އިޖްތިމާއީ ރައްކާތެރިކަމުގެ ފައިސާ ނަގަނީ އޭނާގެ 40 އަކަށް އަހަރު ވެފައިވާ ދަރިފުޅެވެ. އޭނާގެ އައިޑީކާޑާއި ޗެކްފޮތް ވެސް އޮންނަނީ އެ ދަރިފުޅުގެ އަތުގަ އެވެ. އުމުރުން 65 އަހަރުވުމުން ލިބެން ޖެހޭ ރައްކާތެރިކަމެއް ދޮންމަރިޔަނބަކަށް ނުލިބެ އެވެ.

ދޮންމަރިޔަނބު ހާލުގައި ޖެހުނު ގޮތާއި އޭނާ އަށް ކައުންސިލުން އަޅާލަމުންދާ ގޮތް މަކުނަދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިލްވާން ސަންއާ ހިއްސާ ކުރި އެވެ. ކައުންސިލުން އޭނާ ބަލަހައްޓަމުންދާއިރު ކާންދެނީ ރަށުގެ ރައްޔިތެކެވެ. ޒަރޫރީ ބޭނުންތަކަށް ހަރުދު ދެނީ ވެސް ރައްޔިތުނެވެ.

ރިލްވާން ވިދާޅުވި ގޮތުގައި މިހާތަނަށް ކައުންސިލުން ކުރި މަސައްކަތުން ނައިފަރު ދޮންމަރިޔަނބުގެ ތިމާގެ މީހަކު ވެސް ހުރިކަން އެނގިފައެއްނުވެ އެވެ. އަދި ދޮންމަރިޔަނބުގެ ތިމާގެ މީހަކު ނުހުންނާނެ ކަމަށް ވެސް ދޮންމަރިޔަނބު ބުނާ ކަމަށެވެ. އޭނާގެ ދަރިފުޅަކީ އެކި ރަށްރަށް ދަތުރު ކުރަމުންދާ މީހެއް ކަމަށާއި ބައެއް ފަހަރު އޭނާގެ މަންމަ އެކި ރަށްރަށަށް އޭނާ ގޮވައިގެން ވެސް ދަތުރު ކުރާ ކަމަށެވެ. ނަމަވެސް އެއް ދުވަހަކު ފެރީއަށްލާފައި މިރަށަށް (މަކުނުދޫއަށް) ފޮނުވާލީ ކަމަށެވެ.

"އެ ފިރިހެން މީހާ އުޅޭ އެކި ރަށްރަށަށް ދޮންމަރިޔަނބު ގެންދާނީ. އެގޮތަށް ކިހިނެތްތޯ ދޮންމަރިޔަނބަށް އަބަދު އެކި ރަށްރަށުގައި އުޅެވޭނީ އެއީ އުމުރުން ދުވަސްވެފައި ހުރި މީހެއް. އެގޮތަށް އެއް ދުވަހަކު ކޮންމެ ވެސް ރަށެއްގައި ހުރެފައި ފެރީއަކަށް ލާފައި މިރަށަށް [މަކުނުދޫ] އަށް ފޮނުވާލީ،" ރިލްވާން ވިދާޅުވި އެވެ.

އެ ރަށަށް ދޮންމަރިޔަނބު ފޮނުވާލުމުން އޭނާ ބަލަންފެށީ މަކުނުދޫ މީހެކެވެ. ނަމަވެސް ދޮންމަރިޔަނބު މަގުމަތިވެ، ހާލުގައި ޖެހުނީ އެ ރަށުގައި އޭނާ ބަލަހައްޓަމުންދިޔަ މީހާ ރާއްޖެ އިން ބޭރަށް ދާން ޖެހުމުންނެވެ. އެ މީހުން ރަށުން ފުރުމުގެ ކުރިން ދޮންމަރިޔަނބު ކައުންސިލް އިދާރާއާ ހަވާލު ކުރީ އެވެ. "މިރަށަށް ފޮނުވާލި ފަހުން ދޮންމަރިޔަނބު ބަލަން ފެށި މީހުން އެއީ. އެ މީހުން ރާއްޖޭން ބޭރަށް ބޭހަށް ދާން ޖެހިގެން ކައުންސިލަށް ގުޅާފައި ބުނި ބެލެން ނެތް ވާހަކަ،"

ރިލްވާން ވިދާޅުވީ އެ މީހާ ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެސް ސަރުކާރުގެ އެހީއެއް ދެވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބެލުމުގެ ދަށަށް އޭނާ ގެންދެވެން ނެތުމުން ކައުންސިލުން ދޮންމަރިޔަނބު ބަލަން ފެށީ އެވެ. އަދި މިހާރު ދޮންމަރިޔަނބު ދިރިއުޅޭނީ ކައުންސިލްއިދާރާގައި ހުންނަ ކޮޓަރި އެއްގަ އެވެ. އެތަނުގައި ދޮންމަރިޔަނބަށް ނިދައި ފާހާނާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރެ އެވެ. އަދި އޭނާގެ ކެއުމުގެ ކަންތައް ހަމަޖައްސަނީ ކައުންސިލް ކުރިމައްޗަށް ވާގޮތަށް ހުންނަ އެ ރަށުގައި ކެފޭއެއް ހިންގާ އަމިއްލާ މީހެކެވެ.

ރިލްވާން ވިދާޅުވީ ދޮންމަރިޔަނބުގެ ފިރިމީހާ އަށް އެ ރަށުން ލިބިފައިވާ ހުސް ބިމެއްގައި އެ ރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އަންނަނީ ބޯހިޔާ ކުރެވޭނެ ގޮތަށް އިމާރާތެއް ވެސް ހަދަމުންނެވެ. އެ އިމާރާތަކީ އޭނާގެ ސިކުނޑި ހަމަނުޖެހޭ ދަރިފުޅަށް ވެސް ދިރިއުޅެވޭނެ ގޮތަށް ހަދާ ތަނެކެވެ.

ކައުންސިލް އިދާރާގެ ރައީސް ވިދާޅުވީ މި ވަގުތަށް އެންމެ ބޮޑަށް ވިސްނަންނީ ދޮންމަރިޔަނބަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު ދޮންމަރިޔަނބުގެ ކަންތައްތައް މިހާރު ވެސް ބަލަހައްޓަމުން އަންނަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެވެ.

"މިއީ ވަރަށް ޑިސިޕްލިން ބައެއް އުޅޭ ރަށެއް. ދޮންމަރިޔަނބަށް ގޯނާކޮށް ޖެއްސުން ކުރުން ފަދަ ކަމެއް ނުހިނގާ. މިހާރު ވެސް ދޮންމަރިޔަނބު މި ބަލަހައްޓަނީ އާންމުންގެ ދީލަތީ އެހީގައި. ކައުންސިލް އިދާރާގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާނެ. އަޅުގަނޑުމެން މިއަދާ ކުރަނީ މެދުވެރިއެއްގެ ރޯލު،" ރިލްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޮންމަރިޔަނބުގެ ދަރިފުޅުގެ އަތުގައި ހުރި ޗެކުފޮތާއި އައިޑީކާޑު ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ޖެންޑާއާ ގުޅިގެން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ދޮންމަރިޔަނބަށް ދައުލަތުން ލިބޭ ލާރި ސީދާ ދޮންމަރިޔަނބަށް ކައުންސިލުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ރިލްވާން ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ ދޮންމަރިޔަނބުގެ ރަޖިސްޓްރީ ކުރިން އެހެން ރަށެއްގައި އޮތުމުން ސަރުކާރުން ދޫކުރާ ފައިސާ ލިބުމުގައި ދަތިތަކެއް އުޅޭތީ މަކުނުދޫގެ އެޑްރެސްއެއްގައި ޖައްސާފައިވާ ކަމަށެވެ.

މުޅި އެ ރަށުގެ ރައްޔިތުންގެ އެހީގައި ދޮންމަރިޔަނބު ބެލެހެއްޓުމުގެ ކަންތަކާ މިވަގުތު ހަވާލުވެފައި ވަނީ ކައުންސިލުންނެވެ. ކައުންސިލްގެ މިވަގުތު އެންމެ ބޮޑު އެއް ވިސްނުމަކީ ދޮންމަރިޔަނބަށް ދިރިއުޅޭނެ ބޯހިޔާވައްސެއް ހޯދައިދީ އޭނާ އަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމެވެ.