26 May 2013, 11:59
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ސިފައިންގެ މީހަކަށް ވަޅިން ހަމަލާދިނުމަށް ފަހު ފިލާފައިވާ މީހަކު ހޯދުމުގެ މަސައްކަތް ފަރަންސޭސި ފުލުހުން ފަށައިފި އެވެ.
ޕްރައިވެޓް ސެޑްރިކް ކޯޑިއާ އަށް މީހަކު ހަމަލާދީފައި ވަނީ ޕެރިހުގެ ލެ ޑިފެންސް ބިޒްނަސް ޑިސްޓްރިކްޓުގައި އެހެން ދެސިފައިންނާ އެކު ފޯރި މަރަމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ފަހަތުން ހިފެހެއްޓުމަށް ފަހު ހަމަލާދިން މީހާ ވަނީ ޕްރައިވެޓް ކޯޑިއާގެ ކަރަށް ވަޅިން ހަމަލާދީފަ އެވެ.
ކޯޑިއާއަށް ހަމަލާ ދިނުމަށް ފަހު، ކޯޑިއާއާ އެކު ފޯރިމަރަމުން ދިޔަ ސިފައިންނަށް ރިއެކްޓްކުރެވުމުގެ ކުރިން ހަމަލާ ދިން މީހާ ވަނީ މީހުން ގަނޑުގެ ތެރެއަށް ވަދެ ފިލައިފަ އެވެ.
ފަރަންސޭސިވިލާތުގެ ދިފާއީ ވުޒާރާ އިން ބުނީ ޕްރައިވެޓް ކޯޑިއާގެ ގައިން ލޭ ވަރަށް ބޮޑަށް މަދުވެފައިވީ ނަމަވެސް، އޭނާ ސަލާމަތްވާނެ ކަމުގެ ޔަގީންކަން ޕެރިހުގެ ޕާސީ މިލިޓަރީ ހޮސްޕިޓަލުގެ ޑޮކްޓަރުން ދީފައިވާ ކަމަށެވެ.
އެ ހަމަލާ ދެވިފައި މިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ސިފައިންގެ މީހަކަށް ކަތިވަޅިން ހަމަލާދިންތާ 48 ގަޑިއިރުވެސް ހަމަނުވަނީސް ކަމުން، މިހަމަލާއަކީ ލަންޑަންގައި ސިފައިންގެ މީހާއަށް ދެވުނު ހަމަލާ ކޮޕީކޮށްގެން މީހަކު ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ނަމަވެސް މިހާތަނަށް ފަރަންސޭސިވިލާތުގެ އިސް ފަރާތްތަކުން ވަނީ ދެހަމަލާއާ ގުޅުމެއްވާ ކަން ހާމަވެފައިނުވާ ކަމަށް ބުނެފަ އެވެ.
ފުލުހުން ބުނީ ހަމަލާދީފައިވާ މީހާއަކީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ އެފްރިކާ ނަސްލުގެ މީހެއް ކަމަށް ސީސީޓީވީ ކެމެރާތަކުން ހާމަވާ ކަމަށެވެ. އަދި އޭނާ ހަމަލާދިން ވަގުތު ލައިގެން ހުރީ ޖުއްބާއެއް ކަމަށާއި، ހަމަލާ ދިނުމަށް ފަހު ޖުއްބާ ބޭލިއިރު އެތެރެއިން ޖިންސާއި ޓީޝާޓް ލާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.