26 May 2013, 11:41
ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ނޭމާ ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވާން ނިންމައިފި އެވެ.
އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ނިންމާފައިވާ ވޯލްޑް ކަޕުގެ ކުރިން ޔޫރަޕަށް ބަދަލުނުވާނެ ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މީޑިއާގައި ބުނެފައިވާ ނޭމާ، ބާސާއަށް މާދަމާގެ ވަގުތެއްގައި ސޮއިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ނޭމާ ބާސާ އާއި އެކު ސޮއި ކުރަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މާދަމާގެ ވަގުތެއްގައި ނޭމާ ބާސާއާއެކު ސޮއި ކުރުމަށް ނިންމާފައިވާއިރު، ބާސާގެ ހުނަރުވެރި ފޯވާޑް ދާދި ފަހުން މީޑިއާގައި ބުނެފައި ވަނީ ނޭމާ އަކީ މިވަގުތައް ބާސާއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އެގޮތުން ނޭމާ އާއި އެކު ބާސާއިން ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.
"ނޭމާއަކީ ބާސާއަށް މިވަގުތު ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ އެއް ކުޅުންތެރިއާ. އޭނާ ބާސާ އާއި ގުޅިއްޖެ ނަމަ އެ ޓީމުގެ އެޓޭކަށް އިތުރު ބާރަކާއި ކުރިއެރުން ލިބޭނެ" މެސީ ބުނެފައި ވެއެވެ.
ފާއިތުވި ނުވަ އަހަރު ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުންއައި ނޭމާ ބާސާއަށް ސޮއި ކުރުމުގެ ކުރިން އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ލިޔެފައިވާ ލިޔުމަކާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން މިއަދު ބުނެފައި ވަނީ، މިވަގުތަކީ ބާސާއާ އޭނާ ގުޅެން ވަރަށް ތަފާތު ވަގުތެއް ކަމަށާއި އެހެން ކަމުން ދެން ކުރިމަތިލާނީ މުޅިން އާ ގޮންޖެހުންތަކަކާ ކަމަށެވެ.
"އަހަރެންގެ ސަޕޯޓަރުންނަށް އަހަރެން ޝުކުރު އަދާކުރަން. މިވަގުތަކީ ބާސާ އާއި އަހަރެން ގުޅެން އެންމެ ބުނާސަބު ވަގުތު. އަހަރެން ޔޫރަޕަށް މި ބަދަލުވަނީ އާ ގޮންޖެހުމަކާ ކުރިމަތިލުމުގެ އުފާވެރި އިހުސާސްތަކަކާއެކު. އަހަރެންގެ އުންމީދަކީ އެއީ" ނޭމާ ބުނެފައި ވެއެވެ.
ސަންތޯސްގެ ނައިބު ރައީސް އޮޑީލިއޯ ރޮޑްރިގޭޒް އާއި ހަވާލާދީ މީޑީއާ ރިޕޯޓް ތަކުގައި ބުނެފައި ވަނީ ސަންތޯސް ދޫކޮށްލުމުގެ ވިސްނުން ނޭމާ މީގެ އެތައް ދުވަހެއްގެ ކުރިން ވެސް ގެންގުޅުނު ކަމަށާއި އެގޮތުން އޭނާ ގެންދިއުމަށް ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑުން ވެސް ވަރަށް މަސައްކަތް ކުރި ކަމަށެވެ.
އުމުރުން 21 އަހަރުގެ ފޯވާޑް ނޭމާ ވަނީ ބްރެޒިލް ގައުމީ ޓީމަށް 32 މެޗު ކުޅެދީ 20 ލަނޑު ޖަހައިދީފަ އެވެ. އަދި ނޭމާ ސަންތޯސް އަށް ކުޅޭނެ ފަހު މެޗަކީ ވާދަވެރި ފްލެމިންގޯއާ ދެކޮޅަށް މިއަދު ކުޅޭ މެޗް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސަންތޯސްއާ އެކު ނޭމާ ހަދާފައިވާ ކޮންޓުރެކްޓު ހަމަވާނީ 2014 ވަނަ އަހަރުގެ ފަހު ކޮޅު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ދެ ވަނަ ފަހަރަކަށް ބްރެޒިލް ގައުމީ ޓީމާ ގުޅުނު ކޯޗު ސްކޮލާރީ ދެކޭގޮތުގައި ނޭމާއަށް މިވަގުތު ހުރުން އެންމެ ރަނގަޅީ ބްރެޒިލްގެ ސަންތޯސްގަ އެވެ. މިހާރު ބާސާއާ ގުޅިއްޖެނަމަ، ބްރެޒިލްގެ ގައުމީ ޓީމަށް ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ސްކޮލާރީ ކަންބޮޑުވާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.