އައްޑޫ ސިޓީގެ މަރަދޫގައި އާއްމުންގެ ބަޔަކާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މަރަދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ދޫކޮށްލީ ކޯޓުން ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން ގިނަ މީހުންގެ ތަހުގީގު ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު މަރަދޫގައި ހަމަނުޖެހުން ހިނގީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، ބަލައި ފާސްކުރުމަށް ފުލުހުން ދިއުމުން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އަށް މީހުންނެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ފުލުހުންނާ ދިމާއަށް ގާއުކައި ފުލުހުންނަށް އެކިވަރުގެ އަނިޔާދީ އެ އަށް މީހުން ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ހާދިސާއަށް ފަހު ބަޔަކު މީހުން އައްޑޫ ސިޓީ ލިންކު ރޯޑުން ދަތުރު ނުކުރެވޭނެހެން މަގުތަކަށް އެއްޗެތި އަޅައި ފުލުހުންގެ ވެހިކަލްތަކަށް ގާއުކައި އައްޑޫ ސިޓީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގައި ފުލުހުން އާންމުންނަށް އަނިޔާ ކުރިކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާ އިރު ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް ކުޑަކުއްޖަކަށް އަދި އެއްވެސް އަންހެނަކަށް އަނިޔާދީ އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.