26 May 2013, 10:26
މިހާރު ކުރިއަށް ގެންދާ ސޮނީ އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް 2013ގެ ޒޯން ފަހެއްގެ ފައިނަލުގައި ސޮނޭވާފުށި ރިސޯޓާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބު ކޮށް މުބާރާތުގެ ޗެމްޕިއަންކަން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ހޯދައިފިއެވެ.
ރޯޔަލް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެގޮތުން ރޯޔަލް އައިލެންޑުގައި ކުޅުނު ފައިނަލުމެޗުގެ ފުރަތަމަ ސެޓް ރޯޔަލްއިން ކާމިޔާބު ކުރީ 25-16 އިންނެވެ. އެހެން ނަމަވެސް ސޮނޭވާއިން ވަނީ ދެވަނަ ސެޓް 13-25 އަދި ތިންވަނަ ސެޓް 20-25ން ކާމިޔާބުކޮށް މެޗުގެ ފޯރި ގަދަކޮށްލާފައެވެ. ދާދި ހަމަހަމަކޮށް ދެޓީމު ކުޅެމުން ދިޔަ މެޗުގެ ހަތަރުވަނަ ސެޓް 25-21 އިން ރޯޔަލް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ނެރެން ކުޅު ފަސްވަނަ ސެޓް ފަސޭހަކަމާއެކު 15-7 އިން ކާމިޔާބު ކުރީ ރޯޔަލް އެވެ.
އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް 2013ގެ ޒޯން ދޭއްގެ ފައިނަލުގައި ޖުމެއިރާ ވިޓަވެލި މޯލްޑިވްސްއާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ފިހާޅޮހި އައިލެންޑް ރިސޯޓެވެ. އަދި ލަކްސް މޯލްޑިވްސް ބަލިކޮށް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދީ ކޮންރެޑް މޯލްޑިވްސްއެވެ.
މުބާރާތުގައި ޒޯން ތިނަކުން ޓީމެއް ބައިވެރި ވެފައި ނުވާތީ މިހާރު ބާކީ އޮތީ ޒޯން އެކެއްގެ މެޗު ތަކެއްވެ. ޒޯން އެކެއްގެ ފައިނަލުގެ ފުރަތަމަ ޖާގަ ބަނޑޮސް އައިލެންޑް ރިސޯޓުން މިހާރު ކަށަވަރު ކޮށްފައިވާ އިރު އެ ޒޯންގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީ ފައިނަލުގައި މިއަދު ހަވީރު ވަން އެންޑް އޮންލީ ރީތި ރަށާއި މީރު ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ.
ޒޯން އެކެއްގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.