ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެ ވަނަ ޑިވިޝަންގެ ތަށި ކްލަބް އީގަލްސް އިން އުފުލާލައިފި އެވެ.

މުބާރާތުގެ ތަށި އީގަލްސް އިން އުފުލާލީ ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ދަ ބައުސް ސްޕޯޓްސް ކުލަބާ ވާދަކޮށް 59 ޕޮއިންޓް 60 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ކުލަބް އީގަލްސްއަށްއަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިނީ އަބްދުﷲ ފިރުޝާން އެވެ. އޭނާ ވަނީ މެޗުގައި އީގަލްސްއަށް 22 ޕޮއިންޓު ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗުގައި ދަ ބައުސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިނީ ހުސެން ފާރިސް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބައުސްއަށް 23 ޕޮއިންޓު ހޯދަދީފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސް އަށް 11 ޕޮއިންޓު ކާމިޔާބު ކޮށްދިން ހުސައިން ހަމީނެވެ.

ފައިނަލް މެޗަށް ފަހު ވަނަ ވަނަ އަށް އައި ކުޅުންތެރިންނާއި ޓީމް ތަކަށް އިނާމާއި ހަނދާނީ ލިއުން ބައްސަވާ ދެއްވީ ދިވެހި ސިފައިންގެ ކުލަބުގެ ރައީސް އަހުމަދު ފައާޒް އަލީ ރިޒާ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ޕްލޭމޭކާ އަށް ހޮވުނީ ޕޮލިސް ކުލަބުގެ މުހައްމަދު ހަސަންއެވެ. މުބާރާޓުގެ އެންމެ މޮޅު އޮފެންސިވް ޕްލޭޔަރަކަށް ހޮވުނީ އީގަލްސްގެ އިބްރާހިމް ނަސީމެވެ. މޮބާރާތުގެ އެންމެ މޮޅު ޑިފެންސިވް ޕްލޭޔަރަކަށް ހޮވުނީ ދަ ބައުސްގެ މުހައްމަދު އަހުމަދު ސަމީރެވެ. މުބާރާތުގެ ހަޔެސްޓް ސްކޯރާއަކަށް ހޮވުނީ އީގަލްސްގެ އަބްދުﷲ ފިރުޝާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް އީގަލްސްގެ އަބްދުﷲ ފުރުޝާނެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކަށް ހޮވުނީ އީގަލްސްގެ މުހައްމދު ޒިލާލެވެ.