ޗެޓިސްގާ (މޭ 26): އިންޑިޔާގެ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ މާއޮއިސްޓުން ދިން ކުއްލި ޙަމަލާތަކެއްގައި އެގައުމުގައި ވެރިކަންކުރާ ކޮންގްރެސްޕާޓީގެ އިސް 12 މެންބަރަކު މަރުވެއްޖެ އެވެ.

އިއްޔެ މިޙާދިސާ ހިނގާފައި ވަނީ އިންޑިޔާގެ މެދުތެރޭގައިވާ ޗެޓިސްގާ ސްޓޭޓްގައިވާ ޤަބިލާ ސަރަހައްދެއްގަ އެވެ.
މިޙަމަލާދީފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި މޮޓޮކޭޑަކަށް ބޮމުގެ ޙަމަލާތަކެއް ދީގެންކަމަށްވެ އެވެ. މިބޮންތައް ގޮއްވާލާފައި ވަނީ ރިމޯޓްކޮށްޓްރޯލްކޮށް ކަމަށް އިންޑިޔާގެ ފުލުހުން ބުނެ އެވެ. މިހާދިސާގައި 17 މީހަކު މަރުވިއިރު މީގެތެރޭގައި ކޮންގްރެސްޕާޓީގެ ލޯކަލް ލީޑަރުންގެ 12 ބޭފުޅަކު ހިމެނެ އެވެ. މީގެއިތުރުން މިޙަމަލާތަކުގައި އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެސް ޚަބަރު ލިބެ އެވެ.

ކޮންގްރެސް ޕާޓީގެ ޒަޢީމާ ސޯނިޔާ ގާންދީ ވަނީ މިޖަރީމާ ކުށްވެރިކުރައްވައި މާއޮއިސްޓުންނަކީ އިންޑިޔާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސިފަކުރައްވައިފަ އެވެ. ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ މާއޮއިސްޓުން ބުނާގޮތުން އެމީހުން މަސައްކަތްކުރަމުން ގެންދަނީ އިންޑިޔާގައި އިހްމާލްކޮށް ނިކަމެތިކޮށްލެވިފައިވާ ޤަބީލާތަކުގެ މީހުންނާއި ދަނޑުވެރިންގެ ހައްޤުގަ އެވެ.

މާއޮއިސްޓުންގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އިންޑިޔާގެ ސަލާމަތީ ބާރުތަކަށާއި މަސްއޫލުވެރިންނާ ދެކޮޅަށެވެ. (ނޫސްއެޖެންސީތައް)