26 May 2013, 09:21
ވޮޝިންޓަން (މޭ 26): އީރާނުން އެމެރިކާގެ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ވަރުގަދަ ސައިބާ ޙަމަލާތަކެއް ދެމުން ގެންދާ ކަމަށް އެމެރިކާ ތުހުމަތުކޮށްފި އެވެ.
އެމެރިކާގެ އިސް މަސްއޫލުވެރިންނާ ޙަވާލާދީ ނިޔުޔޯކް ޓައިމްސް ބުނި ގޮތުގައި އެމެރިކާގެ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ދެމުންގެންދާ ސައިބާ ޙަމަލާތަކުގެ މަސްދަރަކީ މެދުއިރުމަތި ކަމަށާއި އެފަދަ ސައިބާ ޙަމަލާތައް އެމެރިކާ އަށް ދޭނެ ގައުމެއް އީރާން ނޫނީ މެދުއިރުމަތީގައި ނޯންނާނެ ކަމުގަ އެވެ. ނިޔުޔޯކް ޓައިމްސް ބުނާ ގޮތުން އީރާނުގެ ސިފައިންގެ ތެރޭގައި އިލެކްޓްރޯނިކް ޙަމަލާތައް ދިނުމަށާއި އެއިން ދިފާޢުވުމަށް ޚާއްސަ "ސައިބަރ ފޯސް"އެއް އޮވެ އެވެ. މި ނޫސް ބުނާ ގޮތުން އީރާނުން ދޭކަމަށް ޝައްކުކުރެވޭ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އެމެރިކާގެ ހަކަތައާ ބެހޭ ކުންފުނިތަކުގެ "ސެންސިޓިވް ޓްރީޓްމަންޓް ރެޖިމެންސް" އަށް ކަމަށްވެ އެވެ.
އެމެރިކާގެ ތެލާބެހޭ ކުންފުނިތަކަށާއި ގޭހާއި ކަރަންޓް އުފައްދާ ކުންފުނިތަކުގެ "ސެންސިޓިވް ޓްރީޓްމަންޓް ރެޖިމެންސް" އަށް ދެމުންގެންދާ ޙަމަލާތަކަކީ ޖާސޫސުކުރުމުގެ ބޭނުމުގައިދޭ ޙަމަލާތަކެއް ނޫން ކަމަށާއި އެއީ އެސިސްޓަމްތައް ހަލާކުކޮށްލުމަށާއި އެސިސްޓަމްތަކުގެ ކޮންޓްރޯލް އަތުލައިގަތުމަށް ދެމުންގެންދާ އިޢާދަނުކުރެވޭވަރުގެ ގެއްލުންދެނިވި ޙަމަލާތަކެއް ކަމަށް ވެސް ނިޔުޔޯކް ޓައިމްސް ބުނެ އެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލްސްޓްރީޓް ޖާނަލްގައިވާ ރިޕޯޓެއް ބުނާ ގޮތުން އެމެރިކާގެ ބޮޑެތި ކުންފުނިތަކަށް ދޭ ސައިބާ ޙަމަލާތަކަކީ ސަރުކާރެއް ފަހަތުގައި އޮވެގެން ސިފައިންގެ ނިޒާމީ ސައިބާ ފޯސްއަކުން ނޫނީ ނުދެވޭނެ ވަރުގެ ވަރުގަދަ ޙަމަލާތަކެކެވެ. މިފަދަ ޙަމަލާތައް މެދުއިރުމަތީގައި ދެވޭނެ ދެގައުމަކީ އިސްރާއީލާއި އީރާން ކަމަށާ އިސްރާއީލަކީ އެމެރިކާގެ ރަޙްމަތްތެރި ގައުމެއްކަމުން މިޙަމަލާތަކުގެ ފަހަތުގައި އީރާން ނޫން ދެވަނަ ފަރާތެއް ނުވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އެމެރިކާގެ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސައިބާ ސެކިއުރިޓީއާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޖޭމްސް ލުއިސް ވަނީ މިދިޔަ ޖަނަވަރީ މަހު ދެއްވި ބަޔާނެއްގައި ވަނީ އެމެރިކާގެ މާލީ މުއައްސަސާތަކަށްދޭ ސައިބާ ޙަމަލާތަކުގެ މަސްދަރަކީ ވެސް އީރާން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އީރާނުން ވެސް ގެންދަނީ އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމުގެ އިލެކްޓްރޯނިކް ނިޒާމުތަކަށް ސައިބާ ޙަމަލާތައް ދެމުންގެންދާ ކަމުގެ ތުހުމަތު އެމެރިކާ އަށާއި އިސްރާއީލުގެ މައްޗަށްކޮށްފަ އެވެ. މިދެގައުމުގެ ސައިބާ ޙަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އީރާން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)