26 May 2013, 02:54
ފައިނަލު މެޗުގެ ފަހު ވަގުތުގައި އާރްޔަން ރޮބޭން ކާމިޔާބު ކޮށްދިން ލަނޑުން ދޭއް އެކަކުން ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ވަނަ ފަހަރަށް ބަޔާން މިޔުނިކް އުފުލާލައިފި އެވެ.
ލަންޑަންގެ ވެމްބްލީގައި މިރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ޖަރުމަން ފައިނަލްގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފެއްދީ ޑޯޓްމަންޑުންނެވެ. ބަޔާންއިން ވެސް ވަނީ ފުރަތަމަ ހާފުގައި ޑޯޓްމަންޑުގެ ގޯލަށް ނުރައްކާތެރި ދެހަމަލައެއް ކުރިމަތި ކުރުވާފައެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ޑޯޓްމަންޑުގެ ގޯލް ހުޅުވާލައި ބަޔާން އަށް ކުރިހޯދައި ދިނީ މާރިއޯ މަންޒުކިޗް އެވެ. އެހެން ނަމަވެސް އޭގެ އަށް މިނިޓުފަހުން ޑޯޓްމަންޑުގެ މާކޯ ރޫސްއަށް ބަޔާންގެ އޭރިޔާ ތެރެއިން އެކުލަބުގެ ޑެންޓޭ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ޑޯޓްމަންޑަށް ހަމަހަމަ ކޮށްދިނީ އިލްކޭ ގޫންޑޮގާން އެވެ.
ފާއިތުވީ އަހަރު ބަޔާންގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ފުރިހަމަ ވަގުތުގައި ބަޔާންއަށް ލިބުނު ޕެނަލްޓީ ބޭކާރު ކޮށްލުމުގެ ސަބަބުން ޗެމްޕިއަން ކަމުގެ ފޮނިރަހަ ދުލުކުރިއަށް ފޯރާފައިވެސް ގެއްލުނު ހަނދާންތައް އެއްފަރާތް ކޮށްލާފައި ބަޔާންއަށް މިފަހަރުގެ ތަށި އުފު ލާލުމުގެ ފޮނިކަން ގެނެސްދިން މުހިއްމު ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މި ދިޔަ އަހަރު ޗެލްސީއާ ދެކޮޅަށް ލިބުނު ޕެނަލްޓީ ބޭކާރު ކޮށްލި ޗެލްސީގެ ކުރީގެ ތަރި، އާރްޔަން ރޮބޭން އެވެ.
މިއީ ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން ކުޅުނު ތިންވަނަ ފަހަރެވެ. އަދި އެކުލަބު ޔޫރަޕުގެ އެންމެ ޝަރަފު ވެރި މުބާރާތުގެ ތަށި އުފުލާލި ފަސްވަނަ އަހަރެވެ. އަދި މިފަހަރަކީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ވެމްބްލީގައި ޗެމްޕިއަންސް ލީގުގެ ފައިނަލު ކުޅުނު ދެވަނަ ފަހަރުވެސް މެއެވެ.
ފައިނަލު މެޗަށްފަހު ޑޯޓްމަންޑުގެ ކޯޗު ޖާގަން ކްލޮޕް ބުނީ މެޗު ނިމުމަށްފަހު މެޗުގެ ނަތީޖާއަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، އެހެން ކަމުން ބަޔާންއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އޭނާގެ ޓީމުން މިރޭވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއްކޮޅުން ކުޅެން ހައްގު ޓީމެއްކަން ސާބިތު ކޮށްދީފައި ކަމަށާއި މެޗުގެ 75 ވަނަ މިނިޓުގެ ފަހުން އޭނާގެ ޓީމަށް އުނދަގޫތައް ކުރިމަތިވަމުންދާ ކަމުގެ އިހްސާސްތައް ކުރެވެމުން ދިޔަ ކަމަށެވެ.
ބަޔާންއަށް މެޗު ކާމިޔާބުކޮށްދިން މުހިއްމު ލަނޑު ޖަހައިދިން އެކުލަބުގެ ވިންގާ، އާރްޔަން ރޮބޭން ބުނީ އެވަގުތު އެކުރެވުނު އިހްސާސްތައް ދުލުން ބޭރުކުރަންވެސް ނޭނގެ ކަމަށާއި ހުސްވި އަހަރު ހިތާމަވެރި ގޮތަކަށް މެޗު ގެއްލިގެން ދިޔައިރު މިއީ އެކުލަބު ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުޅުނު ތިންވަނަ ފައިނަލް މެޗު ކަމަށެވެ. އެހެން ކަމުން ކޮންމެ ފަހަރަކު ބަލި ވުމަކީ ވެގެން ވާނޭ ކަމެއް ނޫން ކަމަށާއި މިފަހަރު މޮޅުވި ލަނޑު ކާމިޔާބު ކުރެވުނު ވަގުތު އޭނާގެ މުޅި ފުޓްބޯޅަ ކެރިޔަރު އެއްކޮށް އެވަގުތު ކޮޅުގައި ސިފަވެގެން ދިޔަ ކަމަށެވެ.
މި ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ތައްޔާރުވެގެން ހުރި ބަޔާންގެ ކޯޗު ޔުޕް ހެއިންކެސް ބުނީ މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ކުޅުންތެރިންނަށް ގޭމުގެ ތެރެއަށް ރަނގަޅަށް ނުވަދެވުނު ކަމަށާއި ފުރަތަމަ 20 ވަރަކަށް މިނިޓުގައި ދެޓީމަށްވެސް ޕްރެޝަރު އޮތް ކަމަށެވެ. އަދި ދެވަނަ ހާފު ފެށިއިރު އޭނާ އެކަންތައްތައް ރަނގަޅުކޮށް މެޗު ކާމިޔާބު ކުރެވުނީ ކަމަށެވެ.
ހެއިންކެސްއަށް ފަހު އަންނަ ސީޒަންގައި ބަޔާންގެ ކޯޗު ކަމާ ހަވާލުވާނީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާއެވެ.