26 May 2013, 00:21
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ނިމި ޝަރީއަތަށް ހުށަހެޅި ބާރު ސްޕީޑުގައި ޝަރީއަތް ކުރިއަށް ދާން ފަށާފައި ވަނީ އެކަމަށް ގައުމީ ހަރަކާތުން ކުރި އިހްތިޖާޖުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ގައުމީ ހަރަކާތުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
"މަރާލެވިފައިވާ މީހުންގެ ހައްގުގައި" މި ނަމުގައި ގައުމީ ހަރަކާތުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ދައުވާ އުފުލުމަށް މީގެކުރިން އެތަށް ފަހަރެއްގެ މަތިން ގައުމީ ހަރަކާތުން ބޭއްވި އެއްވުންތަކުގައި ގޮވާލާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ބާރު ސްޕީޑުގައި ގޮސް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދަނީ ގައުމީ ހަރަކާތުން އުފުލި އަޑުތަކުގެ ސަބަބުން ކަމަށެވެ.
"ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު އަވަސް ކޮށްދިނުމަށް މި ޕޮޑިއަމުން ގޮވާލި. އަދި ތިން ހަފްތާގެ ތެރޭގައި އެ މައްސަލަ ޝަރީއަތަށް ފޮނުވޭ ވަރަށް ކުރިއަށް ނުގޮސްފި ކަމަށް ވާނަމަ އެ މައްސަލައާއިގެން އަޅުގަނޑުމެން ނުކުންނާނެ ކަމަށް ގޮވާލިން. އޭގެ ނަތީޖާއެއްގެ ގޮތުން މި މަސައްކަތްތައް ވަރަށް ބާރަށް ހިނގަން ފަށައިފި. އަދި މި ޝަރީއަތްތަކުގެ ތެރެއިން މީގެކުރީން ދިވެހިރާއްޖޭގައި ޝަރީއަތް ކުރެވިފައި ހުރި ކިތަންމެ މައްސަލައަކަށް ވެސް އިތުރު ހެއްކާ ގަރީނާ އާއި ދަލީލު ލިބިގެން ހިނގައްޖެ. އަމިއްލަ އިއުތިރާފަށް ބުރެ ބޮޑު ހެއްކަކީ ކޮބައިތޯ؟ އެހެންވީމާ ޝަރީއަތުގެ މަޖިލީހުގައި ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބިގެން ހިނގައްޖެ. އެއީ ތިޔަ ލޮބުވެތި ރައްޔިތުން މި ގައުމީ ހަރަކާތުގެ ރައްޔިތުން މިކަން ދޫނުކޮށް ހިފެހެއްޓީތީ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މިފަދަ ކޮންމެ ކަމެއްގައި ދެތުވެ އަޑުއުފުލުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ. ގާނޫނުތައް ނެގެހެއްޓުމަށްޓަކައި ގައުމަށް ދިމާވާ މިފަދަ ކަންތައްތަކުގައި ރައްޔިތުން ނުކުމެ އަޑުއުފުލަން ޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މިރޭގެ އެއްވުމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނާއިބް ރައީސް ޑރ. މައުރޫފް ހުސައިން އާއި ގައުމީ ހަރަކާތުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ސޮބާހު ރަޝީދު އާއި މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ އާއި މަދަނީ އިއްތިހާދުގެ ނާއިބް ރައީސް އަބްދުﷲ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފައި ވަނީ އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ ތެރެއިން ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އެވެ. އޭނާ ވަނީ އެކަން ރާވާ ހިންގި ފަރާތްތަކުގެ މައުލުމާތު ވެސް ފަނޑިޔާރު ކުރިމަތީގައި ކިޔައިދީފަ އެވެ.
އެ ދައުވާ އަށް ހުމާމް ޖަވާބުދާރީވެފައި ވަނީ ގާނޫނީ ވަކީލަކާއި ނުލައި އަމިއްލައަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދެވަނަ މީހާ ކަމަށްވާ ހ. ހިކޯސްޓް އަލީ ޝާން ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ. އަދި އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެފައި ވަނީ ދައުވާ އަށް ތަފްސީލުކޮށް ޖަވާބުދާރީ ވެވޭނީ އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ލިބުމުން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމަށް ފަންޑު ކުރި މީހުން ހޯދައި އެ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.