27 Oct 2010, 10:34
އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމާބެހޭ ގޮތުން ބަލަން ޖެހޭ ހުރިހާ ލިޔުންތަކެއް ހުރިހާ ދިމާއަކުން ހޯދައި ބަލަން ފަށާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ މައްސަލަތަކެއް ފެންމަތިވެފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމާބެހޭ ގޮތުން ބަލަމުންދާ މައްސަލައަކީ އާޖެންޓް މައްސަލައެއް ކަމަށެވެ. އެކަމާ ބެހޭ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމާބެހޭ ގޮތުން އިމިގްރޭޝަނުން އޭސީސީއަށް ހޯދަންޖެހޭ މައުލޫމާތުތައް ހޯދައި ލިޔުންތައް ބެލުމަށް ކޮމިޝަނުންގެ މުވައްޒަފުން އިމިގްރޭޝަނަށް ވަދެފައިވާ ކަމަށާއި އޭސީސީން ބަލަންޖެހޭ ބެލުންތަކަށް އިމްގްރޭޝަނުން ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
"މީގެ އިތުރުން މިކަމާބެހޭ ލިޔުންތައް އެހެން ދިމާދިމާއިން ވެސް އަޅުގަނޑުމެން މިގެންދަނީ ހޯދަމުން. މި މައްސަލ މާލަހެއް ނުވާނެ. މިއީ އާޖެންޓް މައްސަލައެއްވީމާ ވަރަށް އަވަހަށް ނިންމާލެވޭނެ،" މުއައްވިޒު ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެގްރިމެންޓުގައި މެލޭޝިއާގެ ނެކްސްބިޒާއެކު އިމިގްރޭޝަނުން ސޮއިކުރީ އެ ޕްރޮޖެކްޓްގައި ސޮއިކުރުން މަޑު ޖައްސާލުމަށް އޭސީސީން ތަކުރާރުކޮށް އަންގާފައި ވަނިކޮށް އެ އެންގުންތަކާ ހިލާފަށެވެ. އޭސީސީން ޕްރޮޖެކްޓް މަޑުޖައްސާލުމަށް އެންގީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުގެ ބިޑިން ޕްރޮސެސްއާ ގުޅޭ ޝަކުވާތަކެއް ކޮމިޝަނަށް ލިބުމާ ގުޅިގެނެވެ.
އޭސީސީން އެގޮތަށް އަންގާފައި ވަނިކޮށް އެ ޕްރެކްޓްގައި އިމިގްރޭޝަނުން ސޮއިކުރި ފަހުން ބޯޑާ ކޮންޓްރޯލް ސިސްޓަމާ ގުޅޭ ގިނަ މައްސަލަތަކެއް އިމިގްރޭޝަންގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ވަނީ ފެންމަތި ކުރުވައި މިޑިޔާއަށް އާންމު ކުރައްވައިފަ އެވެ.